ދިވެހިންގެ ތެރޭގައި ގޭމްގެ ވާހަކަ ދައްކައިފިނަމަ އެންމެ އަވަހަށް ޚިޔާލަށް އަންނާނީ ޕަބްޖީ، ފީފާ ނުވަތަ މިފަދަ މުނިފޫހިފިލުވާލަދޭ ވީޑިއޯ ގޭމްތަކެވެ. ސްމާޓް ފޯންތަކުން ފެށިގެން ލެޕްޓޮޕްއާއި ގޭމިންގެ ކޮމްޕިޔުޓަރގެ އިތުރަށް ބޮޑެތި ޓީވީތައް ބޭނުންކޮށްގެން ރާއްޖޭގައި ގޭމްކުޅުމަކީ އަބަދުވެސް ގިނަ ޒުވާނުން ވަރަށް ޝައުޤުވެރިވާ ކަމެކެވެ.
ގިނަ މީހުން ގޭމް ކުޅެނީ ފޫހިފިލުވާލަންށެވެ. ހާސްކަމާއި ދުރަށް ޖެހިލަންށެވެ. އަނެއް ބަޔަކު ގޭމްކުޅެނީ ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާ މަޖާކޮށްލާށެވެ. މަދުންނަމަވެސް ކެރިއަރގެ ގޮތުގައި ދިވެހިން ގޭމިންގގެ ދާއިރާއިން ކުރިއަށް ދާ މަންޒަރުވެސް މިހާރު ފަނީ ފެންނަމުނެނެވެ.
ފިލިޕީންސްގެ އަވަށެއް ކަމަށްވާ ސެބޫއަކީ މަސްވެރިކަމަށް ބަރޯސާވާ މީހުންތަކެއް ދިރިއުޅޭ ރަށެކެވެ. ޒަމާންތަކަކަށްފަހު މިއަދު މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި އުކުޅުތައް ބަދަލުވެ މި ދާއިރާވެސް ވަނީ ކުރިއަރާފައެވެ. ނަމަވެސް، ކާބަފައިންގެ ޒަމާނުގައި ބޭނުންކޮށްފައިވާ ނަކަތްބެލުމާއި ދިޔަވަރު ބެލުމާއި މިފަދަ އުކުޅުތަކަކީ މި އަވަށުގެ މީހުން ދެކޭގޮތުގައި މަސްވެރިކަމަށް ނިކުންނަ ޒުވާނުންނަށް އަދިވެސް މުހިއްމު އަދި ބޭނުންތެރި ކަންކަމެވެ.
އެހެންކަމުން، އެކިކަހަލަ ގޭމްތައް އީޖާދުކޮށް ފިލިޕީންސްގެ މި އަވަށުންވަނީ މަސްވެރިކަމަށް ބޭނުންކުރާ އުކުޅުތަކާއި ގޮތްތައް ޒުވާނުންނަށް ޝައުޤުވެރިކަމާއެކު ދަސްކޮށްދޭން ފަށާފައެވެ. އަދި މިކަމަކީ މި އަވަށުގެ ހަރު މީހުންތަކެއް ފެށި ކަމަކަށްވުމާއެކު، މި ގޭމްތަކުގައި މިހާރު ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާންވެސް ވަނީ ދަސްކޮށްދޭން ފަށާފައެވެ. ޚާއްޞަކޮށް ދިރިއުޅުމުގައި ނިންމަންޖެހިދާނެ އުނދަގޫ ނިންމުންތައް ނިންމުމަށް އެހީތެރިވެދީ އަދި ދަސްކޮށްދިނުމަށް އެކި ކަހަލަ ގޭމްތައް ވަނީ ފަރުމާކޮށްފައެވެ.
އަވަށުގެ ގިނަ ޒުވާނުންތަކެއް މި ކަމަށް ޝައުޤުވެރިވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ މި ގޭމްތަކުގައި ހެއްވާ މަޖާ އަދި ވިސްނާ ފިކުރުކުރަންޖެހޭ ބައިތަކެއް ހިމެނިފައިވާތީއެވެ. މިސާލަކަށް މަސްވެރިކަމާއި ދިރިއުޅުމާ ގުޅުވާލަދޭ އެއްގޭމުގައި ފުރަތަމަ ދަސްކޮށްދެނީ މަސްވެރިކަން ކުރާ ގޮތްތަކެވެ. އަދި އެބައިތައް ނިމުމުން ދެވަނަ ލެވެލްގައި ދަސްކޮށްދެނީ މަސްވެރިކަން ދަށްވެ، ނުވަތަ ކާނާ މަދުވެ ހާސްކަން ކުރިމަތިވުމުން ދިރިއުޅުން މެނޭޖްކުރާން ގޮތްތަކެވެ. ފާހަގަކޮށްލަން ޖެހެނީ މިގޭމްތައް ކުޅުމަށްޓަކައި ބޮޑެތި ޓީވީ ތަކާއި ޖޮއިސްޓިކް ތައް ނުވަތަ ކޮމްޕިއުޓަރ ތައް ބޭނުންނުވާ ކަމެވެ. މި ގޭމްތައް ކުޅުމަށް ބޭނުންވަނީ ސާފުވައި ޖެހޭ އަތިރިމަތި ފަދަ ހިތްގައިމު މާހައުލެކެވެ. އަދި މީގެ ތެރެއިން ބައެއް ގޭމްތައް ކުޅުމަށް ތަފާތު ކޮސްޓިއުމްތައް ލާންވެސް ޖެހެއެވެ.
