ދުނިޔޭގެ މަޝްހޫރު ގްރެފިކް ޑިޒައިން ޕްލެޓްފޯމެއް ކަމަށްވާ "ކެންވާ" ގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލްއަކުން، ފަލަސްތީނާ ގުޅޭ ސިފަކުރުންތަކުގެ ބަދަލުގައި "ޔޫކްރެއިން" ބޭނުންކުރާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ ކުންފުނިން މާފަށް އެދިއްޖެއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފާހަގަކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި އާންމުކޮށްފައިވަނީ 'ރޯސް_އައިއީ9' ނަމަކަށް ކިޔާ ޔޫޒަރެކެވެ. އޭނާ ހިއްސާކުރި ވީޑިއޯއެއްގައި ކެންވާގެ 'މެޖިކް ލޭޔާސް ނުވަތަ އޭއައި ޓޫލް ބޭނުންކޮށްގެން ފަލަސްތީނާ ގުޅޭ ކަންކަން ހިމަނަން އުޅުމުން، އެ ލަފުޒު އަމިއްލައަށް "ޔޫކްރެއިން" އަށް ބަދަލުވާ މަންޒަރު ފެނެއެވެ.

މި ޕޯސްޓް ސޯޝަލް މީޑިއާގައި ވަރަށް ހަލުވިކަމާއެކު ވައިރަލްވެފައިވާއިރު، ގިނަ އަދަދެއްގެ އެހެން ޔޫޒަރުންވެސް ވަނީ މިކަން ތަޖުރިބާކޮށްފައެވެ. އަދި ތަކުރާރުކޮށް "ފަލަސްތީނު" ޖެހުމުން އެ އޭއައި ސިސްޓަމުން އެ ލަފުޒު އުނިކޮށް، އޭގެ ބަދަލުގައި "ޔޫކްރެއިން" ބޭނުންކުރާކަން އެ ފަރާތްތަކުން ވަނީ ހެކިތަކާއެކު ދައްކާފައެވެ.

މިކަމާ ގުޅިގެން ފަލަސްތީނަށް ތާއީދުކުރާ ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ކެންވާއަށް އަމާޒުވުމުން، އެ ކުންފުނިން ވަނީ ރަސްމީކޮށް މާފަށް އެދިފައެވެ. ކެންވާއިން ބުނި ގޮތުގައި މިއީ އެ ކުންފުނީގެ އޭއައި މޮޑެލްއަށް ދިމާވި މައްސަލައެކެވެ. އަދި މިކަން އިސްލާހުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި ފަލަސްތީނާ ގުޅުންހުރި ކަންކަމަށް މިފަދަ ހުރަސްތައް ކުރިމަތިވުމަކީ ފަހަކަށް އައިސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. މިފަދަ ކަންކަމަކީ ވަކި އަތަކަށް ޖެހިފައިވާ އޭއައި އެލްގޮރިދަމްތަކުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ގިނަ ބަޔަކު ދެކެއެވެ.