ކޮންމެ މުޖުތަމައެއްގެވެސް ކުރިމަގު ބިނާވެފައިވަނީ އެ މުޖުތަމައެއްގައި ތިބި ކުޑަކުދިންނާއި ޒުވާނުންގެ އަހުލާގުގެ މައްޗަށެވެ. ކުދިންގެ ހަޔާތުގެ ބިންގާ އެޅިގެންދަނީ ގޭތެރެއިން ކަމަށްވާއިރު، އެކުދިންގެ އަހުލާގު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މައިންބަފައިންނެވެ. ކުޑަކުދިންނަކީ ފެންނަ ކަންތައްތައް ވަރަށް އަވަހަށް ނަކަލުކުރާ ބަޔަކަށް ވުމާއެކު، މައިންބަފައިންގެ އަމަލުތަކަކީ އެކުދިންނަށް ފެންނަން އޮތް އެންމެ ބޮޑު މަދަރުސާއެވެ. އެހެންކަމުން، ހެޔޮލަފާ ޖީލެއް ބިނާކުރުމަށްޓަކައި މައިންބަފައިންނަކީ ހެޔޮ އަމަލުތަކާއި ރީތި އާދަކާދަތަކުގައި ދަރިންނަށް ދެއްކޭ ނަމޫނާ އަކަށް ވާންޖެހެއެވެ.

އިސްލާމްދީން ބާރުއަޅަނީ އާއިލާގެ މީހުންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ، ނަރަކައިގެ އަލިފާނުން އެބައިމީހުން ސަލާމަތްކުރުމަށެވެ. މިކަމަށް އިޝާރާތްކުރައްވައި މާތް اللهُ ކީރިތި ޤުރުއާނުގެ ތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ!" މި އާޔަތުން އެނގިގެންދަނީ ދަރިންނަށް ހެޔޮމަގު ދައްކައި، އެކުދިން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ދީނީ ބޮޑު މަސްއޫލިއްޔަތެއް ކަމެވެ. މި މަސްއޫލިއްޔަތު އަދާކުރެވޭނީ ހަމައެކަނި ބަހަކުން ނޫނެވެ. އަމަލުންވެސް އެކަން ދައްކައިގެންނެވެ.

ކުދިންނަށް ނަސޭހަތް ދިނުމަށްވުރެ، މައިންބަފައިން ކުރާ ކަންތައްތަކުން އެކުދިންނަށް ލިބޭ ފިލާވަޅު މާ ބޮޑެވެ. މިސާލަކަށް، ދޮގު ނުހެދުމަށް ދަރިފުޅަށް ނަސޭހަތްތެރިވާ މީހަކު، އަމިއްލައަށް ފޯނުން ނުވަތަ އެހެން ކަމެއްގައި ދޮގު ހަދާނަމަ، އެ ދަރިފުޅަށް ދަސްވާނީ ދޮގު ހެދުމެވެ. ނަމަވެސް، މައިންބަފައިންނަކީ ތެދުވެރި، އަމާނާތްތެރި، އަދި މީހުންނަށް އިހުތިރާމްކުރާ ބަޔަކު ކަމުގައި ވާނަމަ، އެއްވެސް އަމުރަކާ ނުލައި ދަރިން އެ ސިފަތައް ލިބިގަންނާނެއެވެ. މައިންބަފައިންނަކީ ކުދިންގެ ހަޔާތުގެ "ހީރޯއިން" ކަމަށްވާތީ، އެކުދިން އަބަދުވެސް ބަލާނީ އެމީހުންގެ އުޅުމާއި ގުޅުމަށެވެ.

ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ ޑރ. ޔާސިރް ގާޒީ ވިދާޅުވެފައިވާ ގޮތުގައި، ދަރިންނަކީ މައިންބަފައިން ބުނާ ބަސްތަކަށްވުރެ ބޮޑަށް، މައިންބަފައިން ކުރާ ކަންތައްތަކަށް ބަލާ ބައެކެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި، ކުދިން ތަރުބިއްޔަތު ކުރުމުގެ އެންމެ ފުރަތަމަ މަރުހަލާއަކީ މައިންބަފައިން އަމިއްލަ ނަފްސު އިސްލާހުކުރުމެވެ. މައިންބަފައިންގެ އުޅުން ރަނގަޅުވެ، ދީނީ ކަންކަމަށް ފަރުވާތެރިވާނަމަ، އެކުދިންގެ ފިޠުރަތުގައި ހުންނަ ރަނގަޅު ސިފަތައް ކުރިއަރައި، މުޖުތަމައަށް ފައިދާހުރި ބަޔަކަށް އެކުދިން ވެގެންދާނެއެވެ.

އެހެންކަމުން، އަހުލާގީ ގޮތުން ފުރިހަމަ ޖީލެއް ބިނާކުރުމުގެ ތަޅުދަނޑި އޮތީ މައިންބަފައިންގެ އަތްމަތީގައެވެ. ކުދިންނަށް ދެވޭ އެންމެ އަގުބޮޑު ހަދިޔާއަކީ ރީތި އަހުލާގު ކަމަށްވާއިރު، އެ އަހުލާގު އެކުދިންގެ ކިބައިގައި އަށަގެންނެވޭނީ މައިންބަފައިންނަކީ އެކަމުގެ ދިރިހުރި ނަމޫނާއަކަށް ވެގެންނެވެ. އާއިލާގެ ތެރޭގައި ލޯތްބާއި، އިހުތިރާމާއި، ތެދުވެރިކަން ގާއިމުވެފައި އޮތުމަކީ މުޅި މުޖުތަމައު އިސްލާހުވުމުގެ ފެށުމެވެ. އެހެންކަމުން، ކޮންމެ މަޔަކާއު ބަފައަކުވެސް ތިމާއަކީ ދަރިން ނަމޫނާ އަކަށް ބަލާނެ ފަދަ ހެޔޮލަފާ މީހަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ.

ހަވާލާ: ޑރ. ޔާސިރު ގާޒީގެ ދަރުހަކުން 2026.