ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފައިނަލް މެޗުގައި 1-0 އިން ވާދަވެރި ބްރެޒިލް ބަލިކޮށް އާޖެންޓީނާ އިން އެ މުބާރާތް ކާމިޔާބުކޮށްފިއެވެ.

މިއީ ވޭތުވެދިޔަ 28 އަހަރުގެ ތެރޭގައި އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އާޖެންޓީނާ އާއެކު އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ, ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދީ ފުރަތަމަ ފަހަރެވެ.

ބްރެޒިލްގެ ރިއޯ ޑީ ޖެނެއިރޯގައި ހުންނަ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި އާޖެންޓީނާގެ ލަނޑުޖަހައިދިނީ އެންހެލް ޑި މާރިއާ އެވެ. އާޖެންޓީނާގެ ހާފުގެ ތެރެއިން އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރިގޯ ޑެ ޕޯލް ދިން ބޯޅައަކުން ޑި މާރިއާ މި ގޯލް ކާމިޔާބުކޮށްދިނީ ޕެނަލްޓީއޭރިޔާ ތެރެއަށް ވަނުމަށްފަހު ބްރެޒިލްގެ ކީޕަރު އެޑަސަން މޮރައެސް ބޯމަތިން ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލައިގެންނެވެ. މިއީ މި މެޗުގައި ބްރެޒިލްގެ ޕެނަލްޓީއޭރިޔާތެރެއިން އާޖެންޓީނާ ފޮނުވާލި ފުރަތަމަ ހަމަލާ އެވެ. އޭގެފަހުން، އާޖެންޓީނާގެ ލީޑްފުޅާކުރުމަށް މެޗުގެ 28 ވަނަ މިނެޓުގައި ޑި މާރިއާ ފޮނުވާލި ބޯޅަ ބްރެޒިލްގެ ޑިފެންޑަރު މާކީނޯސް ބްލޮކް ކުރިއިރު، އޭގެ ހަތަރު މިނެޓުފަހުން ޕެނަލްޓީއޭރިޔާ ބޭރުން މެސީ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ބްރެޒިލްގެ ރިޗާލިސަން އެއްވަރުކުރި ނަމަވެސް، ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމައި، އެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ. އޭގެފަހުން، މެޗުގެ 53 ވަނަ މިނެޓުގައި ރިޗާލިސަން ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއިރު، ފަހު ހާފުގައި ކުޅެން ނިކުތް ގެބްރިއަލް ބާބޯސާ (ގަބީ) ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް މާޓިނޭޒް އެވެ. މި ހާފުގައި އާޖެންޓީނާގެ ލީޑް ފުޅާކުރުމަށް ޑެ ޕޯލް ދިން ބޯޅައަކުން މެސީ އަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، އޭގެފަހުން ޑެ ޕޯލް އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ބްރެޒިލްގެ ތަރި ނޭމާ (މ) އަތުން ބޯޅަ ހޯދަން އާޖެންޓީނާގެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: ކޮޕާ އެމެރިކާ

މިއީ އާޖެންޓީނާ އިން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި 15 ވަނަ ފަހަރެވެ. މިއާއެކު، މި މުބާރާތް އެންމެ ގިނަ ފަހަރު ހޯދާފައިވާ އުރުގުއޭގެ ރެކޯޑާ އެ ޓީމު ވަނީ އެއްވަރުކޮށްފައެވެ. މި ފަހަރުގެ ކޮޕާ އެމެރިކާ ބޭއްވުނު ބްރެޒިލަށް މި މުބާރާތް ކާމިޔާބުކުރެވިފައިވަނީ ނުވަ ފަހަރެވެ.

ރޭގެ މެޗަކީ ކޮޕާ އެމެރިކާގެ ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރި ހަތަރުވަނަ ފަހަރެވެ. އާޖެންޓީނާގެ އިތުރުން ބްރެޒިލް ވެސް ވަނީ ދެ މެޗުން މޮޅުވެފައެވެ. މީގެކުރީން، 2004 އާއި 2007 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލްގައި ބްރެޒިލް މޮޅުވިއިރު، އާޖެންޓީނާ އިން ވަނީ 1937 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުރިހޯދާފައެވެ.

މީގެއިތުރުން، މިއީ ބްރެޒިލްގެ ކޯޗު ޓީޓޭގެ އިރުޝާދުގެ ދަށުން އެ ޓީމުން އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 25 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމުން 21 މެޗުން މޮޅުވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފައެވެ.