އަރުވާލެވިގެން ދިރިއުޅުއްވަމުން ގެންދަވާ އީރާނުގެ ކުރީގެ ވަލީއަހުދު ރިޒާ ޕަހްލަވީ ޖަރުމަނުވިލާތުގެ ބާލިންއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން، އެކްޓިވިސްޓަކު އޭނާގެ ގަޔަށް ރަތް ކުލައިގެ ދިޔާ އެއްޗެއް ޖަހައި ހަމަލާދީފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އީރާނުގެ ހަނގުރާމައާ މެދު ޕަހްލަވީ ގެންގުޅުއްވާ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ. މި ހާދިސާ ހިނގި ވަގުތު މީސްމީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ޕަހްލަވީ މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެކްޓިވިސްޓަކު ވަނީ އޭނާގެ ކަރުގެ ފަހަތަށާއި ކޮނޑުމައްޗަށް ރަތް ކުލައިގެ ދިޔާ އެއްޗެއް ޖަހާފައެވެ.
މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ވަނީ އެ އަމަލު ހިންގި މީހާ ވަގުތުން ހައްޔަރުކޮށްފައެވެ. އަދި ޕަހްލަވީގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޓީމުން ވަނީ ވަގުތުން އޭނާ އެ ސަރަހައްދުން ގެންގޮސްފައެވެ.
ރިޒާ ޕަހްލަވީއަކީ އީރާނުގެ އެންމެ ފަހުގެ ރަސްގެފާނު (ޝާހު) މުޙައްމަދު ރިޒާ ޕަހްލަވީގެ ދަރިކަލުންނެވެ. 1979 ވަނަ އަހަރުގެ އީރާނުގެ އިންގިލާބަށްފަހު އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ ގައުމުން ބޭރުގައި އަރުވާލެވިގެންނެވެ. އޭނާއަކީ އީރާނުގެ މިހާރުގެ ސަރުކާރާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުއްލަވާ ބޭފުޅެކެވެ. ނަމަވެސް، އީރާނުގެ އެކި މައްސަލަތަކުގައި އޭނާ ގެންގުޅުއްވާ ވިސްނުންތަކާ މެދު ބައެއް އެކްޓިވިސްޓުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރެއެވެ.
