ގަސްގަހުގައި ހާދަހާވާ ފަތް ގިނައެވެ. އެކަމަކު ފަތެއް ނެތް ކަށިގިނަ ގަސްގަސްވެސް މަދެއް ނޫނެވެ. މަލެއް ނުފޮޅޭ އެތައް ގަހެއްވެސް ހުރެއެވެ. އެކަމަކު އުނި ގަހަކީ އޭގައި އެހެރަ އަޅާ މަލެއްގެ ސަބަބުންނާއި އެ ގަސް ހެދިފައި ހުންނަ ގޮތުންނާއި އަދި އެ ގަހުގެ ފަތްތަކުގެ ގޮތުން އަމުދުން މާ ކަމުދާ ގަހެކެވެ. އަރައިގެން އަންނަ އިރާއި އޮއްސިގެން އެދާ އިރާއި އެކު އުނި މާތަކުގެ ވަސްތައް މުޅި ސަރަހައްދު ފަތަހަ ކުރެއެވެ.
އުނިގަހުގައި ހުންނަ މި އުނިމަލާއި އުނިފަތްތަކަކީ ބަލާ މީހުން ފޫހިނުވާ ފަދަ އެއްޗެކެވެ. ނަމަވެސް ހިތާމައަކީ އެހެން ގަހެއްގައި ހަމަ އުނިމަލާއި އުނިފަތް ހުއްޓަސް މި ގަހުގައި މިހުންނަފަދަ ޖާދުލެއް އެ ގަސްގަހުގައި ނުހުންނަކަމެވެ. މިއީ އަޅެ ކޮންހަމައަކުން ވާ ކަމެއް ހެއްޔެވެ. ގައިމު ހަމަ އުނިމަލާއި އުނިފަތް ވިއްޔާއެވެ. ތަފާތު ވީ ހަމައެކަނި ގަސްވިއްޔާއެވެ.
މި ކިޔެނީ ކީކޭ ބާއެވެ. އުނިމަލާއި އުނިފަތް އެހެން ގަހެއްގައި ހުންނަންވީ ކީއްވެ ބާއެވެ؟ ހިރުނދުގަހެއްގައި އުނިމަލެއް އަދި އުނިފަތެއްވެސް ހަގީގަތުގައި އިނދެގެން ނުވާނެ ނޫންހެއްޔެޗެ؟ އެކަމަކު ހަގީގަތަކީ އެވެސް ހުންނަކަމެވެ. މި ވާ ގޮތަކީ ހިރުނދު ގަހެއް ވިޔަސް އަދި އެހެން ގަހެއްވިޔަސް އެ ގަހުގައި ފޮޅޭ މަލެއްގައި އުނި ކަމެއް ހުރެއްޖެނަމަ އެއީ އުނިމަލެކެވެ. އަދި ފަތެއްގައިވެސް ްުއުނިކަމެއް ހުރެއްޖެނަމަ އެއީ އުނިފަތެކެވެ. އެހެންކަމުން ހަމަ ކޮންމެ ގަހެއްގައިވެސް އުނިމަލަކަށް އަދި އުނިފަތަކަށްވެސް ޖާގަ އެބައޮތެވެ. ކޮންމެހެން އުނިގަހުގައި އެކަނި ހުންނަންޖެހޭ އެއްޗަކަށް އުނިމަލާއި އުނިފަތް ވާކަށް ނުޖެއެވެ.
