އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފޭސްބުކް، ޓްވިޓަރ އަދި ގޫގްލައާއި ދެކޮޅަށް ދައުވާކޮށްފިއެވެ. މި ކުންފުނިތަކުގެ އިތުރުން ޓްރަމްޕްވަނީ މިކުންފުނިތަކުގެ ސީއީއޯ ތަކާ ދެކޮޅަށްވެސް އިތުރު ދައުވާތަކެއް އުފުލާފައެވެ. މިއަހަރުގެ ޖެނުއަރީމަހު އެމެރިކާގައި ޓްރަމްޕްގެ ސަޕޯޓަރުންވަނީ ނާކާމިޔާބުވި އިންތިޚާބާއި ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ ވައިޓްހައުސް އަށް ވަދެގަނެފައެވެ. މިކަމާއި ގުޅިގެން ޓްރަމްޕްގެ މީސްމީޑިއާގެ އެކައުންޓްތައް ސަސްޕެންޑްކުރީ އެ ކަންތައްތަކަށް ޓްރަމްޕްގެ ފަރާތުން ހިތްވަރު ދީފައިވާތީ ކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.
ޓްވިޓަރގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ޖެނުއަރީމަހުގެ 8 ވަނަ ދުވަހު ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކުރަން ޖެހުނީ އޭގެ ދެދުވަސް ކުރިން އެމެރިކާގެ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބުކޮށްފައިވަނީ ވޯޓު އޮޅުވާލައިގެން ކަމަށް ޓްރަމްޕް ބުނުމާއެކު އޭނާއަށް ތާއިދުކުރާ ގިނަ ފަރާތްތަކެއް ވައިޓްހައުސްގެ ތެރެއަށް ހަތިޔާރުއެކު ވަދެފައިވާތީއެވެ. ހަމަނުޖެހުންތައް ހިނގަންފެށިތާ ކުޑައިރުކޮޅެއްފަހުން ހަތިޔާރާއެކު ވަން މީހުންނަކީ ގައުމީ ބަޠަލުން ކަމުގައި ޓްރަމްޕް ވަނީ ސިފަކޮށްފައެވެ.
މައުލޫމާތު ލިބޭގޮތުގައި ޓްރަމްޕްގެ ރިޕަބްލިކް ޕާޓީއިން މިހާރު ދަނީ މީސްމީޑިއާގެ ބޮޑެތި ހިއްސާ އޮންނަ ކުންފުނިތަކާއި ދެކޮޅަށް އާ ޤާނޫނެއް އުފައްދަން ތައްޔާރުވެފައެވެ. މި ޤާނޫނުގެ ދަށުން މީސްމީޑިއާގައި ޕޯސްޓްކުރާ ވާހަކަތަކާއި ގުޅިގެން އެމީހެއްގެ އެކައުންޓް އެ މީސްމީޑިއާއަކަށް އިއުތިރާޒަކާއި ނުލާ ސަސްޕެންޑެއް ނުކުރެވޭނެއެވެ. ބަދަލުގައި މީސްމީޑިއާގައި ދައުރުވާ މައުލޫމާތާއި ދެކެވޭ ވާހަކަތަކަށް އެ ކުންފުނިތަކުން ޒިންމާވާން ނުޖެހޭގޮތަށް ވެސް ވަނީ ހުށަހަޅާފައެވެ.
ވެރިކަން ގެއްލުނުފަހުން ޓްރަމްޕްދަނީ އަބަދުވެސް މީހުންގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެމެރިކާގައި ހިނގި ހަމަނުޖެހުންތަކާއެކު ގިނަބަޔަކު އޭނާއަށް ތާއީދު ކުރުން ވަނީ ހުއްޓާލާފައެވެ. އަލަށަ ހުވާކުރި ރައީސް ޖޯ ބައިޑެންގެ ހުވާކުރުމުގެ ރަސްމިއްޔާތަށްވެސް ޓްރަމްޕް ހާޒިރެއްނުވެއެވެ.
