ގޭތެރެ ސާފުކުރުމުގެ ތެރޭގައި، މީގެ ނުވަ އަހަރު ކުރިން ފިރިމީހާއަށް ސިއްރުން ރައްކާކުރި ގިނަ އަދަދެއްގެ ފައިސާ އަންހެނަކަށް ފެނިއްޖެއެވެ. ނަމަވެސް، މި ފައިސާ ފެނުނުއިރު އެއީ މިހާރު ބޭނުންނުކުރެވޭ ބާކަރުދާހަށް ވެފައިވާތީ އެ އަންހެން މީހާއަށް ވަނީ ބޮޑު ސިހުމަކާއި ހައިރާންކަމެއް ލިބިފައެވެ.
މި ހާދިސާ ހިނގާފައިވަނީ އަވަށްޓެރި އިންޑިއާގައެވެ. އެ އަންހެންމީހާ ކިޔައިދިން ގޮތުގައި، ކުއްލި ހާލަތެއް ދިމާވެދާނެ ކަމަށް ބަލައި އެމަޖެންސީ ފަންޑެއްގެ ގޮތުގައި އޭނާ ވަނީ ފިރިމީހާއަށް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ބަންޑެލިތަކެއް ގޭގެ ތެރޭގައި ފޮރުވާފައެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެ ފައިސާ ފޮރުވި ތަން އޭނާގެ ހަނދާނުން ފުހެވެމުން ގޮސް، އެކަމުގެ މަތިން މުޅިން ހަނދާން ނެތުނީއެވެ.
ނުވަ އަހަރަށްފަހު މި ފައިސާ ފެނުނީ ދީވާލީ އީދާ ދިމާކޮށް ގޭތެރެ ވަރަށް ބޮޑަށް ސާފުކުރަން އުޅުމުގެ ތެރޭގައެވެ. ފޮރުވާފައި ހުރި ފައިސާ ބަންޑެލިތައް ފެނުމުން އޭނާ ފުރަތަމަ އުފާވި ނަމަވެސް، މާގިނަ އިރުތަކެއް ނުވެ އެއީ މިހާރު ބޭނުންނުކުރެވޭ، އިންޑިއާ ސަރުކާރުން މީގެ އަހަރުތަކެއް ކުރިން އުވާލާފައިވާ ބާ ނޫޓުތަކެއްކަން އެނގުމުން އޭނާ މާޔޫސްވިއެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، އެ ވީޑިއޯގައި އޭނާ އިންތިހާއަށް ހައިރާންވެފައި "މި ކިހިނެއް ހިނގި ކަމެއް؟!" އޭ ބުނެ ހަޅޭއްލަވާ އަޑު އިވެއެވެ. އޭނާ ބުރަ މަސައްކަތުން ފިރިމީހާއަށް ސިއްރުން ރައްކާކުރި އެތައް ހާސް ރުޕީސްއެއް މިހާރު ވަނީ އެއްވެސް އަގެއް ނެތް ކަރުދާސްތަކަކަށް ވެފައެވެ.
މި ވީޑިއޯ ބެލި ގިނަ ބަޔަކު ދަނީ މިއީ ވަރަށް ދެރަ ހާދިސާއެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި ފައިސާ ރައްކާކުރުމުގައި މިއަށްވުރެ ރައްކާތެރި އަދި ހަނދާން ހުންނާނެ ގޮތްތަކަށް އަމަލުކުރުމަށް ބައެއް މީހުން ލަފާދީފައިވެއެވެ.
