ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި ފްލެޓުތައް ލިބުނު ފަރާތްތަކަށް، އެ ތަންތަނަށް ރަށްވެހިކަން ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބުނީ މިއާއެކު ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓުގައި ދިރިއުޅޭ މީހުންނަށް، މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމުގައި ދިމާވި ދަތިތަކަށް ހައްލެއް ހޯދުމަށް އެފްޑީސީން ވަނީ މާލޭ ސިޓީ ކައުންސިލާއެކު މުހިންމު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ރަށްވެހިކަން ބަދަލުކުރުމުގައި އާންމުންނަށް ކުރިމަތިވާ ހުރަސްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައިވެއެވެ.

އެފްޑީސީން ބުނި ގޮތުގައި، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާ އެއްގޮތަށް، މިހާރު ސިޓީ ކައުންސިލަށް އެއްވެސް ފިޒިކަލް ޑޮކިއުމަންޓެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބެން ހުންނާނެކަން ވަނީ ކަށަވަރުކޮށްދީފައެވެ.

"އެހެންވީމަ އުފަލާ އެކު ދަންނަވަން އޮތީ މިވަގުތުން ފެށިގެން ތިޔަބޭފުޅުންގެ ރަށްވެހިކަން އަޅުގަނޑުމެންގެ ފްލެޓުތަކުގައި ޖެއްސުމާ މެދު އެއްވެސް އިދާރީ ގޮތުން ހުރަހެއް ނޯންނާނެކަން،" ހަމްދާން ބުންޏެވެ.

އެފްޑީސީ ފްލެޓްތަކަކީ "ރެންޓް ޓު އޯން" މޮޑެލްއަށް ދޫކޮށްފައިވާ ތަންތަން ކަމަށްވާތީ ރަޖިސްޓްރީ ނުހެދޭނެ ކަމަށް ކުރިން ސިޓީ ކައުންސިލުން ބުނެފައިވީ ނަމަވެސް، ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދަން ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށާއި، ކައުންސިލުން އެގޮތަށް ބުނާ ބުނުމަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާވާ ވާހަކައެއް ނޫން ކަމަށެވެ.

އަމިއްލަ ކުންފުނިތަކުން ހަދާ އެޕާޓްމަންޓްތަކަށް ލޯނު ނަގައިގެން ފައިސާ ދައްކާ ފަރާތްތަކަށްވެސް ރަޖިސްޓްރީ ހަދައިދޭ ފަދައިން، އެފްޑީސީ ފްލެޓްތަކަށްވެސް އެ ހައްގު ލިބެންޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އެހެންކަމުން މިއަދު ގެނެވުނު ބަދަލާއެކު، ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އާއިލާތަކަކަށް ރަށްވެހިކަން ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.