ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ޖަމާޢަތުގައި ކުރާ ނަމާދުގެ ފުރިހަމަކަން ބިނާވެފައިވަނީ ސަފުތަކުގެ ތަރުތީބާއި ސީދާކަމުގެ މައްޗަށެވެ. ޑރ. ޔާސިރް ގާޒީ ފާހަގަކުރައްވާ ގޮތުގައި، ސަފުތައް ތަރުތީބުކުރުމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ކަމެއް ނޫނެވެ. އެއީ ނަމާދުކުރާ މީހުންގެ ހިތްތަކުގެ އެއްބައިވަންތަކަމާވެސް ގުޅިފައިވާ މުހިންމު ކަމެކެވެ. ސަފުތައް ހަދާއިރު ސަމާލުކަންދޭންވީ މުހިންމު ކަންތައްތަކެއް ޑރ. ޔާސިރް ގާޒީ ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
ފުރަތަމަ ކަމަކީ ސަފުތައް ސީދާކުރުމެވެ. ޑރ. ޔާސިރް ބަޔާންކުރައްވާ ގޮތުގައި ސަފު ސީދާކުރުމުގައި ބަލަންޖެހެނީ ފައިގެ ފުންނާބާއި ކޮނޑަށެވެ. އިމާމު މީހާ ސީދާވުމަށް އިރުޝާދު ދިނުމުން، އެކަކު އަނެކަކާ ކޮނޑާއި ކޮނޑު ޖެހޭނޭހެން، ފައިގެ ފުންނާބު އެއްވަރުކޮށް ސީދާކޮށް ތިބުމަކީ ނަމާދު ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ސަފު ސީދާނުވުމަކީ މީސްތަކުންގެ ހިތްތަކުގެ މެދުގައި ޚިލާފު އުފެދުމަށް މެދުވެރިވާ ސަބަބެއް ކަމުގައިވެސް އޭނާ ފާހަގަކުރައްވައެވެ.
ދެވަނަ ކަމަކީ ސަފުތަކުގެ ދެމެދުގައި ހުސްޖާގަ ނުބެހެއްޓުމެވެ. ޑރ. ޔާސިރް ގާޒީ އިޝާރާތް ކުރައްވާ ގޮތުގައި، ސަފުތަކުގެ މެދުގައި ހުންނަ ހުސްޖާގަތަކަކީ ނުބައި ބާރުތަކަށް ވަދެވޭނެ މަގުތަކެކެވެ. އެހެންކަމުން، ގާތްގާތުގައި ތިބެ ސަފު ފުރިހަމަކުރަން ޖެހެއެވެ. މީގެ މާނައަކީ އެކަކު އަނެކަކާ ގާތްވެ، ހުސްޖާގައެއް ނުބެހެއްޓުމެވެ. ނަމަވެސް މީގެ މާނައަކީ އަނެކާއަށް އުނދަގޫވާ ވަރަށް ގާތްވެ ފިތިބާރުވުމެއްވެސް ނޫނެވެ. ހުސް ޖާގަ އޮތުމުން ދޭހަވަނީ އެ ދެމީހުން ކުރެ އެކަކު ނުވަތަ ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށްވާ ރުޅިވެރިކަމަކާއި ނަފްރަތެކެވެ. ނުބައި ބާރެކޭ މި ބުނެވެނީ މިފަދަ ކަންކަމަށެވެ. އެހެންކަމުން ނަމާދަކީ މިފަދަ ނޭއްގާނީ ސިފަތައް އަހަރެމެންގެ ހިތުން ފޮހެލާ އުޚުއްވަތްތެރިކަން ގާއިމުކޮށްދޭ އަޅުކަމެއް ކަމުގައި ހަދަމާ ހިނގާށެވެ.
ތިންވަނަ ކަމަކީ ސަފުތައް ފުރިހަމަކުރުމުގެ ތަރުތީބެވެ. ޑރ. ޔާސިރް ވިދާޅުވާ ގޮތުގައި، އިސްލާމީ އުސޫލަކީ ކުރީ ސަފު ފުރިހަމަ ނުކޮށް ފަހަތުގައި އާ ސަފެއް ނުހެދުމެވެ. އަދި ސަފު ހަދަން ފަށަންވާނީ އިމާމު މީހާގެ ސީދާ ފަހަތުން، މެދުންނެވެ. އެއަށްފަހު ކަނާތް ފަރާތާއި ވާތް ފަރާތް އެއްވަރަކަށް ފުރަމުން ދާންޖެހެއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހަމައެކަނި ކަނާތް ފަރާތަކީ މޮޅު ފަރާތް ކަމަށެވެ. ނަމަވެސް ސަފު ހެދުމުގައި އެންމެ އިސްކަންދޭންޖެހެނީ އިމާމާގެ ކައިރިމިނަށެވެ. އެހެންކަމުން ވާތް ފަރާތުން އިމާމާއާ ކައިރިވުމަކީ ކަނާތް ފަރާތުން މާ ދުރުގައި ހުރުމަށްވުރެ އެދެވިގެންވާ ކަމެކެވެ.
ހަތަރުވަނަ ކަމަކީ ކުޑަކުދިން ސަފުތަކުގައި ބައިތިއްބާނެ ގޮތެވެ. ޑރ. ޔާސިރް ގާޒީގެ ދަރުސްތަކުގައި ފާހަގަކުރައްވާ ގޮތުގައި، ކުޑަކުދިންނަށް ނަމާދަށް ލޯބިޖެއްސުމަށްޓަކައި އެކުދިން ބޮޑެތި މީހުންގެ ސަފުތަކުގައި ބައިތިއްބުމަކީ މައްސަލައެއް ނޫނެވެ. އެކުދިން އެކަނި ވަކި ސަފެއްގައި ބޭތިއްބުމުން ސަކަރާތް ޖެހުމުގެ ފުރުސަތު ބޮޑުވާތީ، ބޮޑެތި މީހުންގެ ދެމެދުގައި އެކުދިން ބައިތިއްބައިގެން ނަމާދު ދަސްކޮށްދިނުމަކީ އެދެވިގެންވާ ކަމެކެވެ. މިއީ އެކުދިން މިސްކިތަށް އަހުލުވެރިކުރުވައި، ނަމާދުގެ އަދަބުތައް ދަސްކޮށްދިނުމަށް އޮތް އެންމެ ރަނގަޅު މަގުކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.
އެހެންކަމުން، ނަމާދުގެ ސަފުތަކަކީ މުސްލިމުންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން ރަމްޒުކޮށްދޭ ކަމެކެވެ. ޑރ. ޔާސިރް ގާޒީ ބަޔާންކުރައްވާ މި މުހިންމު އުސޫލުތަކަށް ސަމާލުކަން ދިނުމަކީ، ނަމާދުގެ ފުރިހަމަކަން އިތުރުވެ، ހިތްތަކުގައި ބިރުވެތިކަން އުފެދުމަށް މަގުފަހިވާނެ ކަމެކެވެ. ސަފުތައް ސީދާކޮށް، ބަދަހިކޮށް ތިބުމަކީ މާތް ﷲ ގެ ރަޙްމަތް އަޅުގަނޑުމެންގެ މައްޗަށް އޮހިގެންދާނެ ކަމެކެވެ.
ހަވާލާ: ޑރ. ޔާސިރް ގާޒީގެ ދަރުހަކުން 2025.
