އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި އިންސްޓަގްރާމް ވީޑިއޯއަކަށް ބަލައިގެން ވިހަ މަލެއް ކެއުމުގެ ސަބަބުން އެއް އާއިލާއެއްގެ ހަތަރު މީހަކު ވަރަށް ބޮޑަށް ބަލިވެ، ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި އާއިލާއިން ތައްޔާރުކުރި މުގު ރިހައިގެ ތެރެއަށް "ޑަޓޫރާ" ނަމަކަށް ކިޔާ ވިހަ މަލެއް އެއްކޮށްފައިވަނީ، އެއީ ސިއްހަތަށް ފައިދާހުރި އެއްޗެއް ކަމަށް ބުނެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ކައްކާ ވީޑިއޯއެއް ބެލުމަށްފަހުއެވެ. އެ ވީޑިއޯގައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ކަމަށް ގަބޫލުކޮށް، އާއިލާއިން ވަނީ އެ މާ ބޭނުންކޮށްގެން ކާނާ ތައްޔާރުކޮށްފައެވެ.
ނަމަވެސް، އެ މާ އަޅައިގެން ތައްޔާރުކުރި ކާނާ ކެއިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އާއިލާގެ ހަތަރު މީހުންނަށް ވެސް ވަނީ ފުޑް ޕޮއިޒަނިންގްގެ ނުރައްކާތެރި އަލާމާތްތައް ފެންނަން ފަށާފައެވެ. މީގެ ތެރޭގައި މޭނުބައިކުރުމާއި، ބޯއެނބުރުމުގެ އިތުރުން ސިއްހީ ގޮތުން ނުރައްކާތެރި އެތައް ކަމެއް ކުރިމަތިވިއެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ފެންނަ ކޮންމެ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި، ހާއްސަކޮށް ކާބޯތަކެތީގެ ކަންކަމުގައި ނޭނގޭ ތަކެތި ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. ބަލިވި ހަތަރު މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
