ކޮވިޑް19 ގެ އެކި ވޭރިއަންޓުތައް ދުނިޔޭގެ އެކި ހިސާބުތަކުން ފެނި އެ ވޭރިޔަންޓުތައް މުޅި ދުނިޔޭގައި މިވަނީ ފެތުރެން ފަށާފައެވެ. އެއާއި އެކު އެއްފަހަރާ ދެ ވައްތަރުގެ ދެ ވޭރިއެންޓް ޖެހިދާނެ ކަމުގެ އިންޒާރުވެސް ސިއްހީ މާހިރުން ވަނީ ދީފައެވެ.

އުމުރުން 90 އަހަރުގެ އަންހެނަަކަށް އެންމެ ފުރަތަމަ އިނގިރޭސި ވިލާތުން ދެނެގަނެވުނު އަލްފާ ވޭރިއެންޓާއި، ދެކުނު އެފްރިކާއިން ދެނެގަނެވުނު ބީޓާ ކޮވިޑް ވޭރިއެންޓަށް ފައްސިވެ ބަލީގައި އޭނާ ވަނީ މަރުވެފައެވެ.

އޭނާ މަރުވިއިރު އެއްވެސް ވެކްސިންއެއް އޭނާ ނުޖަހާކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެ ވައްތަރުގެ ވޭރިއެންޓް އެއްފަހަރާ ޖެހިގެން ބައެއް ކޭސްތައް އަންނަނީ ރިޕޯޓުކުރަމުންނެވެ. އެގޮތުން އެ އަންހެން މީހާއަށް ފަރުވާދިން އާލްޓްސް ސިޓީގެ އޯއެލްވީ ހޮސްޕިޓަލުގެ ޑޮކްޓަރުން ގަބޫލުކުރަނީ ދެ ވައްތަރުގެ ވޭރިއެންޓަށް އޭނާ ފައްސިވެފައިވަނީ ދެ މީހެއްގެ ފަރާތުން އިންފެކްޝަންގެ އަސަރު ކޮށްގެން ކަމަށެވެ.

މިިދިޔަ ޖެނުއަރީގައި ބްރެޒިލްއިން ވެސް އެއްފަހަރާ ދެ ވޭރިއެންޓް މީހަަކަށް ޖެހި ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް، މި ކޭސްތަކާއި ގުޅޭ ދިރާސާ ރިޕޯޓު އަދި އާންމު ކޮށްފައެއް ނުވެއެވެ.