ކަރަންޓު ބިލުތަކަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި، ރާއްޖޭގެ ހަކަތައިގެ ނިޒާމު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މުހިންމު މަޝްރޫއުތަކެއް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވީ، ރާއްޖޭގައި މިހާރު ކަރަންޓު އުފެއްދުމަށް އެންމެ ބޮޑަށް ބަރޯސާވާ ޑީސަލް ޖެނެރޭޓަރުތަކުގެ ނިޒާމު ބަދަލުކޮށް، ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި ކަރަންޓު ބިލު ބޮޑުވުމަކީ ހަމައެކަނި މޫސުމީ ބަދަލުތަކާ ގުޅިފައިވާ ކަމެއް ނޫނެވެ. ކަރަންޓު ފޮނުވައިދޭ ވަޔަރިންގް ނިޒާމާއި އާންމު އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަކީވެސް ބިލު ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ވަޔަރިންގް ރަނގަޅިއްޔާވެސް ކަރަންޓު ބިލު ކުޑަވޭ. އެހެންވީމަ ސީޒަނަލް މައްސަލައަކީ އެއް މައްސަލަ، ޖެނެރަލް އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަކީ ވެސް މުހިންމު ކަމެއް،" މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ތިންބައިކުޅަ އެއްބަޔަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގާނެ ތަންތަން މިހާރު ވަނީ ދެނެގަނެފައެވެ. ސަރުކާރުގެ މަގުސަދަކީ މިފަދަ މަޝްރޫއުތައް މެދުވެރިކޮށް ކަރަންޓުގެ މައްސަލައަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމެވެ.