މުދާ ކްލިއަރކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ޚާއްޞަ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބާއްވާ "ކަސްޓަމްސް ބްރޯކަރސް ޓްރެއިނިންގ ކޯސް" ގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި އަހަރު ހިންގާ މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ. ޖުމްލަ ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ކަސްޓަމްސް ބިލްޑިންގުގައި ފޭސް-ޓު-ފޭސް ކޮށެވެ. ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް ތިން މާއްދާއިން ފާސްވެފައިވުން ނުވަތަ އެ ދާއިރާގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މި ކޯހުގެ ފީއަކީ 6,000 ރުފިޔާއެވެ. ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ ބްރޯކާސް ރެގިއުލޭޝަން، ވެލުއޭޝަން ޕްރޮސެސް، އަދި ޑޮކިއުމެންޓޭޝަނާ ގުޅޭ މޮޑިއުލްތަކެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި، ކޯހަށް މީހުން ހޮވުމުގައި އިމްޕޯޓް އެކްސްޕޯޓް އަދި ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.