އިޒްރޭލުގެ ސިއްހީ އިދާރާތަކުން ބުނެފައިވާ ގޮތުގައި، އެ ގައުމުން ފުރަތަމަ ފަހަރަށް ހަންޓާ ވައިރަސް ޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ. މި މީހާއަށް މި ބަލި ޖެހިފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން އިރުމަތީ ޔޫރަޕަށް ކުރި ދަތުރެއްގައި ކަމަށްވާއިރު، އޭނާގެ ގައިން ފެނިފައިވަނީ ޔޫރަޕުގައި އުޅޭ ވައިރަސްގެ ވައްތަރެކެވެ. ބަލި މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާއަށް އަންނަނީ ފަރުވާދެމުން ކަމަށް ސިއްހީ އިދާރާތަކުން ބުންޏެވެ.

އިޒްރޭލުން މި ކޭސް ފެނިފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަންނަނީ "އެމްވީ ހޮންޑިއަސް" ނަމަކަށް ކިޔާ ކްރޫޒް ޝިޕެއްގައި ފެތުރެމުންދާ ހަންޓާ ވައިރަސްގެ ނުރައްކާތެރި އެހެން ވައްތަރެއް މޮނިޓާ ކުރަމުންނެވެ. އެ ބޯޓުން ބަލި ޖެހުނު ހަތް މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފައެވެ. އެ ބޯޓުން ފެނިފައިވަނީ ދެކުނު އެމެރިކާގައި އާންމުކޮށް އުޅޭ "އެންޑީޒް" ސްޓްރެއިން ކަމަށްވާއިރު، މިއީ އެކަކު ގައިން އަނެކަކު ގަޔަށް އެރުމުގެ ފުރުސަތު އޮންނަ ހަމައެކަނި ވައްތަރެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވި ގޮތުގައި، ކްރޫޒް ޝިޕްގައި ހިނގަމުންދާ ކަންތައްތަކަކީ ސީރިއަސް މައްސަލައެއް ނަމަވެސް، މީގެ ސަބަބުން މުޅި ދުނިޔެއަށް އޮތް ނުރައްކާ ކުޑައެވެ. ހަންޓާ ވައިރަސް އާންމުކޮށް ފެތުރެނީ މީދާ ފަދަ ތަކެތީގެ ނަޖިހުން ކަމަށްވާއިރު، އިޒްރޭލުން ފެނުނު ކޭސްއާއި ކްރޫޒް ޝިޕްގައި ފެތުރެމުންދާ ބައްޔާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިދާރާތަކުން ބުންޏެވެ. އަދި މިއީ ކޮވިޑް-19 ފަދައިން މުޅި ދުނިޔެއަށް ފެތުރިދާނެ ބައްޔެއް ނޫން ކަމަށްވެސް އެ ފަރާތްތަކުން ޔަގީންކޮށްދެއެވެ.