ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މަޖާ އަދި އެހާމެ ނުރައްކާތެރި ވީޑިއޯއަކުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ބަންގްލަދޭޝްގައި ހިނގި މި ހާދިސާގައި ފެންނަނީ މީހަކު އޭނާގެ ދަތްތައް ސާފުކުރުމަށްޓަކައި އާދަޔާ ހިލާފު ގޮތެއް އިޚްތިޔާރު ކުރާ މަންޒަރެވެ.
މި ކުރު ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ވަނީ މަސައްކަތުގައި ބޭނުންކުރާ ގުރޭންޑަރެއްގެ އެނބުރި އެނބުރި ހުރި ބުރުން ދަތްތަކުގައި ހާކާފައެވެ. އެއަށްފަހު، ގްރޭންޑަރު ޖައްސައި، އޭގެ ތިލަތައް ބާރުމިނުގައި އެނބުރެމުން ދަނިކޮށް، ދަތްއުނގުޅާ ބުރުހެއްގެ ބަދަލުގައި އެ ބޭނުންކޮށްގެން ދަތް އުނގުޅަން ފަށައެވެ.
ގްރޭންޑަރުގެ ބުރު ފުލް ސްޕީޑުގައި އެނބުރެމުން ދާއިރު، އެ މީހާ ވަނީ ވަރަށް ހަމަޖެހިލައިގެން އިނދެ އަނގައިގެ އެކި ދިމާލުގައި އެ ޖައްސައި ދަތްތައް ސާފުކޮށްފައެވެ. މި މަންޒަރަކީ ފެންނަ ފެނުމަށް ބިރުވެރި އަދި ނުރައްކާތެރި ކަމަކަށް ވިޔަސް، އެ މީހާގެ މި ހަރަކާތްތައް ހުރި ގޮތުން ގިނަ ބަޔަކު ދަނީ މިއީ ވަރަށް މަޖާ ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
ވީޑިއޯ ބެލި ގިނަ ބަޔަކު ވަނީ މި ހާދިސާއާ ގުޅިގެން ހައިރާންކަން ފާޅުކޮށްފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ "އެންމެ ވަރުގަދަ" ދަތްއުނގުޅާ ބުރުހެވެ. ނަމަވެސް، އަނެއް ބަޔަކު ވަނީ މިއީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއްކަން ފާހަގަކޮށް، މިފަދަ ކަންކަން ނުކުރުމަށް ގޮވާލާފައެވެ.
