އިންޑިއާގެ މައިސޫރުގެ ކާރޫބާރޫ ބޮޑު ބަސް ހުއްޓިއެއްގެ ކައިރީގައި، އާންމުން މަގުމަތީގައި ކުޑަކަމުދާ މައްސަލަ ހައްލުކުރުމަށްޓަކައި ފާރުގައި ބޮޑެތި ލޯގަނޑުތަކެއް ހަރުކުރުމާ ގުޅިގެން އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
މި އައު އުކުޅު ބޭނުންކުރަން ފަށާފައިވަނީ މައިސޫރުގެ ސިޓީ ކޯޕަރޭޝަނުންނެވެ. އެ އިދާރާއިން މިފަދަ ފިޔަވަޅެއް އެޅީ، ބަސް ހުއްޓިތައް ކައިރީގައި ހުންނަ ފާރުތަކަށް މީހުން ކުޑަކަމުދިއުމުގެ ސަބަބުން އެ ސަރަހައްދު ނުތާހިރުވެ، ކުނިވަސް ދުވާތީ އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަގްސަދުގައެވެ.
މި ފާރުތަކުގައި ބޮޑެތި ލޯގަނޑުތައް ހަރުކުރުމުން، އެތަނަށް ކުޑަކަމުދާން އަންނަ މީހުންނަށް އަމިއްލަ ސޫރަ ފެންނާތީ، ލަދުން އެ އަމަލު ހުއްޓާލަން މަޖުބޫރުވެއެވެ. މި އުކުޅުގެ ސަބަބުން މިހާރު އެ ސަރަހައްދުގައި މަގުމަތީގައި ކުޑަކަމުދާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ސޯޝަލް މީޑިއާގައި މި ފާރުގެ ފޮޓޯތަކާއި ވީޑިއޯތައް ދައުރުވާން ފެށުމާއެކު، ގިނަ ބަޔަކު ދަނީ މިއީ ވަރަށް އުފެއްދުންތެރި އަދި ކާމިޔާބު ހިޔާލެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި މިއީ ބޮޑު ހަރަދެއް ނުކޮށް އިޖުތިމާއީ މައްސަލައެއް ހައްލުކުރުމަށް އެޅި ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.
މި ސަރަހައްދަކީ ކުރިން ވަރަށް ބޮޑަށް ހަޑިވެފައި އޮތް ތަނެއް ނަމަވެސް، މި ބަދަލާއެކު މިހާރު އެތަނަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
