ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި، ހެޔޮ ގޮތުގައި ކުރާ ހައްޖުގެ ޖަޒާއަކީ ސުވަރުގެކަން ހަނދާންކޮށްދީ، އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް އަވަސްވެގަތުމަށް ގޮވާލައިފިއެވެ. "ހެޔޮ ގޮތުގައި ވެވޭ ހައްޖު" މި މައުލޫއަށް އިއްވި މި ހުތުބާގައި ވަނީ، މިއީ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއް ފަހަރު އަދާކުރުން ވާޖިބުވެގެންވާ ކަމެއްކަން ފާހަގަކޮށްފައެވެ.
ހައްޖުވުމަށް ކުޅަދާނަވުމުގެ މާނައަކީ ހަމައެކަނި ފައިސާ ހުރުން ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ، މާލީ ގޮތުންނާއި ސިއްހީ ގޮތުން ކުޅަދާނަވުމުގެ އިތުރުން ދަތުރުކުރާ މަގު އަމާންވުމަކީވެސް އޭގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ހައްޖު ވާޖިބުވުމަށްފަހު އެކަން ލަސްނުކުރުމަށް ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާކަން ފާހަގަކޮށް، މާދަމާ ދިމާވާނީ ކޮންފަދަ ކަމަކާކަން ނޭނގޭނެތީ އެކަމަށް އަވަސްވެގަތުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ހައްޖުގެ އަޅުކަން الله ގެ ހަޒުރަތުގައި މަގުބޫލު އަޅުކަމަކަށް ހެދުމަށްޓަކައި ފުރިހަމަކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުތުބާގައި ބަޔާންކޮށްދިނެވެ. އޭގެ ތެރޭގައި އިހުލާސްތެރި ތައުބާއަކުން ތައުބާވުމާއި، ހައްޖަށް ކުރާ ހަރަދުތަކަކީ ހަލާލު މުދަލުން ކުރާ ހަރަދަކަށް ހެދުން ހިމެނެއެވެ. އަދި ދަރަންޏާއި މުދަލުގެ މައުލޫމާތު ލިޔެ ބެލެހެއްޓުމަށާއި، ދެއްކުންތެރިކަމުން ދުރުވެ ހައްޖާއި އުމްރާގެ ހުކުމްތައް ދަސްކުރުމަށްވެސް ވަނީ ބާރުއަޅާފައެވެ.
ހުތުބާގައި ރަސޫލާ ﷺ ގެ ބަސްފުޅަކާ ހަވާލާދީ ބުނީ، އުމްރާއަކީ ދެ އުމްރާ ދެމެދުގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށެވެ. އަދި ފާފަތަކުން ދުރުވެ، ހެޔޮ ގޮތުގައި ކުރެވޭ ހައްޖަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވާކަން އެ ބަސްފުޅުން ސާބިތުވާކަން ހުތުބާގައި ވަނީ ހާމަކޮށްފައެވެ.
ހެޔޮ ގޮތުގައި ހައްޖު ވެވުނުކަމުގެ އެންމެ ބޮޑު ނިޝާނަކީ ހައްޖަށްފަހު އެމީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުން ކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން الله މަނާކުރެއްވި ކަންކަމުން ދުރުހެލިވެ، ކިޔަމަންތެރިކަން އިތުރުވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރިއެވެ. މީގެ އިތުރުން، ހައްޖުގެ އެންމެ މުހިންމު ރުކުނަކީ ޒުލްހިއްޖާ މަހުގެ 9 ވަނަ ދުވަހު އަރަފާތް ބިމުގައި ހުރުން ކަމަށާއި، އެ ރުކުން ފުރިހަމަނުކޮށްފި މީހަކަށް އެ އަހަރުގެ ހައްޖު ނުލިބޭނެކަންވެސް ހުކުރު ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
