ބިރުވެރިކަމަކީ އަބަދު އަޑުގަދަ ނުވަތަ ކުއްލިއަކަށް ފާޅުވާ އެއްޗެއް ނޫނެވެ. ބައެއް ފަހަރު މި ބިރުވެރިކަން އިންސާނާގެ ތެރެއަށް ވަދެގަންނަނީ ވަރަށް ހިމޭންކޮށް، މަޑުމަޑުންނެވެ. އެއީ މީހަކު ކިޔައިދިން ވާހަކައަކުން، ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯއަކުން ނުވަތަ އެހެން މީހަކަށް ދިމާވި ހިތާމަވެރި ހާދިސާއެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. ކުއްލިއަކަށް، އާދައިގެ ކަންކަމާ މެދު ސިކުނޑި ނުރައްކާތެރި ވަސްވާސްތައް އުފައްދަން ފަށައެވެ.

މީހަކު ކާން އިންދާ ކޮށިއެރި ވާހަކައެއް އަޑުއިވުމުން، ދެން ކޮންމެ ފަހަރަކު ކާން އިށީންނައިރު އެ ބިރުވެރިކަން އިހުސާސްވާން ފަށައެވެ. މީހަކު ކުއްލިއަކަށް ހޭނެތިގެން ވެއްޓުނު ވާހަކަ އަޑުއިވުމުން، އަމިއްލަ ހަށިގަނޑަށް ވާ ކުޑަކުޑަ ތަދަކީވެސް ނުރައްކާތެރި ބައްޔެއްގެ ނިޝާނެއް ކަމަށް ހީވާން ފަށައެވެ. ބައެއް މީހުން އަމިއްލަ ވިސްނުން ކޮންޓްރޯލުން ނެއްޓިދާނެ ކަމަށް ބިރުގަންނަން ފަށައެވެ.

މިފަދަ ނަފްސާނީ ނުތަނަވަސްކަމުގެ އެންމެ ވަރުބަލިކުރުވާ ކަމަކީ، ތިމާއަށް ސީދާ އެއްވެސް ކަމެއް ދިމާނުވި ނަމަވެސް، އެ ބިރުވެރިކަން އިހުސާސްވަނީ ހަގީގަތެއްގެ ގޮތުގައި ކަމަށް ވާތީއެވެ. ސިކުނޑި ދަނީ ހުރިހާ ދިމާލަކުން ނުރައްކާތަކުގެ ފުރުސަތު ހޯދަމުންނެވެ. ކޮންމެ އާދަޔާ ހިލާފު އިހުސާސަކީ އިންޒާރެކެވެ. އައު ކާނާއެއް ކެއުމަކީވެސް، ނޭވާ ހާސްވެ ނުވަތަ އެލާޖިކްވެދާނެ ކަމުގެ ބިރުވެރިކަމަކަށް ބަދަލުވެއެވެ. އެހެން މީހުން އެއްވެސް ވިސްނުމެއް ނެތި ކުރާ ކަންކަން ކުރުމަށް ތިމާއަށް ބޮޑު ހިތްވަރެއް ބޭނުންވެއެވެ.

މީގެ އެންމެ ހިތްދަތި ކަމަކީ، ތިމާއަށް ކުރެވޭ މި އިހުސާސްތަކަކީ ބޯހަމަނުޖެހޭ ކަންކަންކަން އަމިއްލައަށް އެނގޭތީއެވެ. ބޮލުގައި ރިއްސާ ކޮންމެ ފަހަރަކީ ނުރައްކާތެރި ބައްޔެއް ނޫންކަން އެނގުނަސް، ހަށިގަނޑުން އެކަމަށް އިޖާބަދެއެވެ. މޭ ތަޅުވައި، ނޭވާ ކުރުވެ، ވިސްނުންތައް ބާރުމިނުގައި ދައުރުވާން ފަށައެވެ.

"ކަމެއް ވެދާނެބާއޭ؟"، "ވިސްނުން ކޮންޓްރޯލުން ނެއްޓިދާނެބާއޭ؟"، "މި އިހުސާސް ދުވަހަކުވެސް ފިލައި ނުދާނެބާއޭ؟" މިފަދަ ސުވާލުތަކުން އިންސާނާ ވަށާލައެވެ. މި ބިރުވެރިކަން ދިރިއުޅުމުގެ ކޮންމެ ކަމަކަށް ފެތުރިގެންދެއެވެ. ކެއުމަކީ ފުންކޮށް ވިސްނަންޖެހޭ ކަމަކަށްވެ، ނިދުމަކީ ކަންބޮޑުވުމަކަށް ވެއެވެ.

އެހެން މީހުންނަށް މިކަން ދެނެގަންނަން އުނދަގޫވަނީ ބޭރުފުށުން މިކަން ނުފެންނާތީއެވެ. މީހާ ހިނިތުންވެލައިގެން، އާދައިގެ މަތިން ވާހަކަދައްކާފައި ހުރެދާނެއެވެ. ނަމަވެސް އެތެރެހަށީގައި ކޮންމެ ގަޑިއަކު އެތައް ސަތޭކަ ބިރުވެރި ޚިޔާލުތަކަކާ ދަނީ ހަނގުރާމަ ކުރަމުންނެވެ. އަމިއްލަ ވިސްނުމާ މެދު ޝައްކު އުފެދުމަކީ އެންމެ އެކަނިވެރިކުރުވާ ބިރެވެ.

ނަމަވެސް ހަނދާންކުރަންޖެހޭ ކަމަކީ، ބިރުވެރިކަމަކީ އަބަދު ތެދު މައުލޫމާތެއް ނޫންކަމެވެ. އެއީ ވަރަށް ވަރުގަދައަށް ގަބޫލުކުރެވޭ އިހުސާސަކަށް ވިޔަސް، އެއީ ހަގީގަތެއް ނޫނެވެ. ނަފްސާނީ ނުތަނަވަސްކަމުގެ ތެރޭގައި ސިކުނޑި މަސައްކަތް ކުރަނީ "ސަވައިވަލް މޯޑް" ގައެވެ. އެއީ ނުރައްކަލަކުން ތިމާ ސަލާމަތް ކުރަން ސިކުނޑި ކުރާ މަސައްކަތެކެވެ.

މިގޮތަށް ދިރިއުޅުމަކީ ވަރަށް ބޮޑު ތަކްލީފެކެވެ. އެ ބިރުވެރިކަން އަބަދުވެސް ފަހަތުން އާދެއެވެ. އެކަމަކު މި ހުރިހާ ކަމެއްގެ ތެރޭގައިވެސް، ކޮންމެ ދުވަހަކު ހިތްވަރާއެކު ހޭލައި، ދިރިއުޅުމާއިގެން ކުރިއަށްދާން ކުރާ ކުޑަކުޑަ މަސައްކަތަކީވެސް އެންމެ ވަރުގަދަ ހިތްވަރެވެ.