އިންސާނާގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ ހަށިގަނޑުގައި ސަރުބީ ޖެހުމާއި، އެ ސަރުބީ ހުންނަ ތަންތަން ބަދަލުވުމެވެ. ޔުނިވަރސިޓީ އޮފް ކަނެކްޓިކަޓްގެ ސައިންސްވެރިން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި، އުމުރުން ދުވަސްވުމުން ބަނޑުގައި ޖަހާ ނުރައްކާތެރި ސަރުބީ ހުއްޓުވިދާނެ ގޮތްތަކެއް މިހާރު ވަނީ ފެނިފައެވެ. މިއީ އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އުމުރުން ދުވަސްވުމަކީ ހަމައެކަނި ސަރުބީ އިތުރުވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ހުންނަ ސަރުބީ ބަނޑާ ދިމާލަށް (ވިސަރަލް ފެޓް) ޖަމާވާން ފަށައެވެ. މި ބާވަތުގެ ސަރުބީއަކީ އެތެރެހަށީގެ ގުނަވަންތަކުގެ ވަށައިގެން ޖަމާވާ އެއްޗަކަށް ވުމުން، މިއީ ސިއްހީ ގޮތުން ނުހަނު ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބަލިތަކުގެ އިތުރުން އެހެނިހެން ނުރައްކާތެރި ސިއްހީ މައްސަލަތަކަށް މަގުފަހިވެގެންދެއެވެ.

ސައިންސްވެރިންގެ މި ހޯދުމުން އެނގުނު ގޮތުގައި، ހަށިގަނޑުގައި ސަރުބީ ޖަމާވާ ގޮތަށް އަންނަ މި ނުރައްކާތެރި ބަދަލުގައި 'ޓެސްޓޮސްޓަރރޯން' ހޯރމޯން މުހިންމު ދައުރެއް އަދާކުރެއެވެ. އުމުރުން ދުވަސްވުމުން މި ހޯރމޯންގެ މިންވަރު ދަށްވުމަކީ ބަނޑުގައި ސަރުބީ ޖަމާވުމަށް މަގުފަހިވާ ކަމެއްކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ. މި ހޯރމޯންއާއި ބަނޑުގެ ސަރުބީއާ ހުރި ގުޅުން ދެނެގަތުމަކީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ދިރާސާގައި ހާއްސަ ސަމާލުކަމެއް ދީފައިވަނީ އުނަގަނޑުގެ ކަށިގަނޑު ބިންދައިގެން ގޮސްގެން ފަރުވާ ހޯދަމުންދިޔަ އުމުރުން ދުވަސްވީ އަންހެނުންނަށެވެ. އެގޮތުން، މި މީހުންނަށް ކަސްރަތާއެކު 'ޓެސްޓޮސްޓަރޯން ޖެލް' އެއް ބޭނުންކުރުމުން، ބަނޑުގައި ޖަމާވާ ނުރައްކާތެރި ސަރުބީ އިތުރުވުން ހުއްޓުވައިދޭކަން ފާހަގަކުރެވުނެވެ. މިއީ ހަމައެކަނި ކަސްރަތު ކޮށްގެން ލިބުނު ނަތީޖާއަށްވުރެ މާ ފުރިހަމަ ނަތީޖާއެއްކަން މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.

މި އާ ހޯދުމުގެ ސަބަބުން، އުމުރުން ދުވަސްވީ މީހުން ބަލިތަކުން ފަސޭހަވުމަށާއި، ދިގު މުއްދަތަކަށް ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އާ އުއްމީދެއް ވަނީ ލިބިފައެވެ. ބަނޑުގެ ސަރުބީ ކޮންޓްރޯލް ކުރުމަށް މިފަދަ އުކުޅުތައް ބޭނުންކުރުމުން، އުމުރުން ދުވަސްވުމުން ކުރިމަތިވާ ސިއްހީ ގިނަ ގޮންޖެހުންތަކަކުން ރައްކާތެރިވެވޭނެ މަގު މިހާރު ވަނީ ފަހިވެފައެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ މުސްކުޅިވުމުން ދިމާވާ ސިއްހީ މައްސަލަތަކަށް އޮތް ވަރުގަދަ ހައްލެކެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.