ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައި ބޭއްވި މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ މާކެޓްތަކުން ފައިސާ ހޯދައި، ބޭންކުގެ ހިދުމަތްތައް ފުޅާކުރުމެވެ. ބީއެމްއެލް އިން ބުނީ މި މަސައްކަތަކީ ބައިނަލްއަގުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ސްޓެރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއް ކަމަށެވެ.
ބޭންކުގެ 43 އަހަރުވީ ތާރީހުގައިވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދާފައިވާ މި ދަނޑިވަޅުގައި، ބޭންކުގެ މާލީ ހާލަތު އޮތީ ވަރަށް ވަރުގަދަކޮށެވެ. ބޭރުގެ އެއްވެސް ދަރަންޏެއް ނެތި ބޭންކުން އިންޓަނޭޝަނަލް މާކެޓަށް ވަނުމަށް ތައްޔާރުވަމުންދާއިރު، ބޭންކުގެ ފައިދާގެ ނިސްބަތާއި ފައިސާގެ ތަނަވަސްކަން ހުރީ ރެގިއުލޭޓަރީ މިންގަނޑުތަކަށްވުރެ މަތީގައެވެ. މިއީ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ބޭންކަށް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބޭންކުން ދެކެއެވެ.
މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ޓޫރިޒަމް ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ. ބީއެމްއެލް އިން ބުނީ މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ޓޫރިޒަމް ދާއިރާއަށް 594 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ދުނިޔޭގެ އިންވެސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ފެނިގެންދިޔައީ ރާއްޖޭގެ އިގްތިސާދަށާއި ބޭންކުގެ ހިންގުމަށް އޮތް ބޮޑު އިތުބާރު ކަމަށެވެ.
