ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރުމަށް ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ.
ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ދީގެން ބަދަހި ގައުމެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.
ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ސަރުކާރުން އަދާކުރާ މަސްއޫލިއްޔަތުތަކުގެ މުހިންމުކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ތެލެސީމިއާ ބަލިމީހުންނަށް ހެޔޮ ދުއާ ކުރައްވައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި އޯގާތެރިކަމާއި ހެޔޮބަސްތަކަކީ ފަރުވާގެ ދެބައިކުޅަ އެއްބައިގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
ތެލެސީމިއާއަށް ފަރުވާ ހޯދާ ކޮންމެ ކުއްޖަކަށްމެ، މުޖުތަމައުގެ ކުލުނާއި ލޯތްބާއި އެހީތެރިކަން ބޭނުންވާކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އެކަމަނާ ވަނީ ހުރިހާ ކުދިންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދި الله ގެ ހަޒުރަތުގައި ދުއާކުރައްވާފައެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހުއެވެ. މި ސަރުކާރުން ހާއްސަ އަހުމިއްޔަތެއް ދީގެން ކުރާ މަސައްކަތަކީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ފަރުވާއަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމެވެ.
