މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އއ. ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްފިއެވެ. މި ހިދުމަތް އިފްތިތާހުކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލް އާއި ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ތޮއްޑޫގައި ބެހެއްޓި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް އެ ރަށުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެއެވެ. އެމްއައިބީން ބުނީ މި ހިދުމަތް ފަރުމާކޮށްފައިވަނީ ބޭންކިން ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށާއި، ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށް ކަމަށެވެ.

އެ ބޭންކުން ދަނީ މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިން ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ބާރުގަބުގައި ކުރަމުންނެވެ. މިގޮތުން ރަށްރަށުގެ އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށާއި، މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭންކުން އިސްކަންދޭ ކަމަށް އެމްއައިބީން ބުންޏެވެ.