ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ބޭނުންވާ އެކި ބާވަތްތަކުގެ އިންޝުއަރެންސް ހިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބީލަމަށް ހުޅުވާލައިފިއެވެ.

މި ބީލަމުގެ ދަށުން އެއާޕޯޓަށް ފޯރުކޮށްދޭންޖެހޭ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި އެއާޕޯޓް އެވިއޭޝަން ލަޔަބިލިޓީ، ޕްރޮޕަޓީ އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން، އަދި ޓެރަރިޒަމް އިންޝުއަރެންސް ހިމެނެއެވެ.

މިކަމަށް ކުރިމަތިލެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އިންޝުއަރެންސް ޕްރޮވައިޑަރެއް ނުވަތަ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެމްއޭސީއެލްގެ ޓެންޑަރު ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:30 އެވެ. އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ހުށަހަޅާ ބީލަންތައް ދިރާސާކުރުމަށްފަހު، ކުންފުންޏަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް މި މަސައްކަތް ހަވާލުކުރާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި އެމްއޭސީއެލްގެ މައި އިދާރާގައެވެ.