ބޭންކު އެކައުންޓު ކުއްޔަށް ދޭ މައްސަލަތައް މި ދުވަސްވަރު އިތުރުވަމުން އަންނާތީ، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ، އެކައުންޓު ކުއްޔަށް ދިނުމަކީ ޖިނާއީ ދައުވާ އުފުލި، ބޭންކިން ހިދުމަތްތަކުން މަހުރޫމުވުން އެކަށީގެންވާ ކަމެއް ކަމަށެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ފަސޭހައިން ރުފިޔާ ހޯދުމަށް އެކައުންޓު ކުއްޔަށް ދިނުމަށް އެދި ކުރާ އިޝްތިހާރުތައް އިތުރުވަމުންދާކަން ފުލުހުން ފާހަގަކުރިއެވެ. މިފަދަ އަމަލުތަކަކީ މަނީ ލޯންޑަރިން ފަދަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށާއި، އެކައުންޓު ކުއްޔަށް ދޭ މީހުންނާއި ނަގާ މީހުންނާ މެދު އިދާރާތައް ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، އެފަދަ އިޝްތިހާރުތައް ހުންނަ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް ފާހަގަވެއްޖެނަމަ، ލަސްނުކޮށް ރިޕޯޓުކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
