އެމެރިކާއިން ހުށަހަޅާފައިވާ އާ ސުލްހައިގެ ހުށަހެޅުން އީރާނުން އަދިވެސް ދަނީ ދިރާސާކުރަމުން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބާގާއީ ވިދާޅުވީ، އެމެރިކާގެ ހުށަހެޅުމާ މެދު ވަކި ގޮތެއް ނިންމާނީ އެތެރޭގެ ދިރާސާތައް ނިމުމުން ކަމަށާއި، އެއަށްފަހު ޕާކިސްތާން މެދުވެރިކޮށް އެމެރިކާއަށް ޖަވާބު ފޮނުވާނެ ކަމަށެވެ.

މި މަޝްވަރާތަކުގައި އީރާނުން ބޭނުންވަނީ ވަގުތީ ސުލްހައެއްގެ ބަދަލުގައި 30 ދުވަސް ތެރޭގައި ހަނގުރާމަ މުޅިން ހުއްޓާލުމަށެވެ. މީގެ އިތުރުން، އީރާނުގެ ބޯޑަރު ސަރަހައްދުތަކުން އެމެރިކާ ސިފައިން ފޭބުމަށާއި، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށްވެސް އީރާނުން ވަނީ ޝަރުތުކޮށްފައެވެ. ނަމަވެސް އެމެރިކާއިން ބާރުއަޅަމުންދަނީ ކުރު މުއްދަތެއްގެ ސުލްހައަކަށާއި ހޯމްޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ މި މަޝްވަރާތައް މިހާރު އޮތީ ނާޒުކު ފައްތަރެއްގައެވެ. ދެ ގައުމުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، މަޝްވަރާގެ ޒަރީއާއިން ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުންވެސް ޝައުގުވެރިކަން ފާޅުކުރެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޕާކިސްތާނު މެދުވެރިކޮށް އިތުރު މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.