އިންޑިއާގެ ބިހާރުގެ ކަތިހާރު ރޭލު ސްޓޭޝަނުގައި އަންހެނުންތަކެއް ކިއުކަންބާގައި ފެހިކުލަ ޖައްސާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ، ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ފާޅުކުރަން ފަށައިފިއެވެ.
"ސިޔާސަތު ޑެއިލީ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރު ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ އެތަނުން އެއް އަންހެނަކު ފެހިކުލައިގެ ދިޔާ އެއްޗެއްގެ ތެރެއަށް ކިއުކަންބާތައް ލައިގެން އޭގައި ކުލަ ޖައްސާ މަންޒަރެވެ. އަދި އޭގެ ކައިރީގައި ހުރި އެހެން އަންހެނަކު ތަރުކާރީތައް ދޮންނަން ހުންނަ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
މި ވީޑިއޯއިން ފެންނަ ކިއުކަންބާތަކުގެ ކުލައަށް އަންނަ ބަދަލު ސާފުކޮށް ފެންނަން ހުރުމުން، މިއީ ކާބޯތަކެތީގައި ނުރައްކާތެރި މާއްދާތަކެއް ބޭނުންކޮށްގެން އޮޅުވާލުމަށް ކުރާ ކަމެއް ކަމަށް ބުނެ މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް، އެ ވީޑިއޯގައި ބޭނުންކުރަނީ ކޮން ކަހަލަ ދިޔާ އެއްޗެއްކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. އަދި އެ ވީޑިއޯގެ ސައްހަކަން މިހާތަނަށް މިނިވަން މުއައްސަސާއަކުން ކަށަވަރުކޮށްދީފައެއް ވެސް ނުވެއެވެ.
މި ވީޑިއޯއާ ގުޅިގެން މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ގިނަ ބަޔަކު މި އަމަލަކީ އާންމުންގެ ސިއްހަތަށް ހުރި "ނުރައްކަލެއް" ކަމަށް ސިފަކޮށް، ކަމާބެހޭ ފަރާތްތަކުން މިކަން ބަލައި ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުންނެވެ.
އަނެއްބައި ފަރާތްތަކުން ބުނާ ގޮތުގައި، އެއީ ކޮން އެއްޗެއްކަން ސާފުކޮށް ނޭނގޭތީ، އެ ބޭނުންކުރާ މާއްދާއަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗެއްކަން ޔަގީންނުވަނީސް ވަކި ގޮތަކަށް ނިންމުމުގައި ސަމާލުވާން ޖެހެއެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް އިންޑިޔާ ސަރުކާރުގެ އެއްވެސް އިދާރާއަކުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
