އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނާއި ހަނގުރާމައިގެ ސަބަބުން މެދުކަނޑާލާފައި އޮތް ފަލަސްތީނު އިންޓަނޭޝަނަލް މެރަތަން، ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ގާޒާގެ މެދުތެރޭގައި ބާއްވައިފިއެވެ.
މި މެރަތަންގެ 10 ވަނަ އެޑިޝަންގައި ފަލަސްތީނުގެ އެކި ސަރަހައްދުތަކުން 1،900 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވާ ކަމަށް މި ހަރަކާތް އިންތިޒާމުކުރި ފަރާތްތަކުން މައުލޫމާތު ދެއެވެ. ގާޒާގެ މެދުތެރޭގައި މި ދުވުން ބާއްވާފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރާއި، ދިރިއުޅުމުގެ އުއްމީދު ދުނިޔެއަށް ދައްކުވައިދިނުމުގެ މަގްސަދުގައެވެ.
މި މެރަތަން އެންމެ ފަހުން ބޭއްވުނުތާ ދެ އަހަރު ވެފައިވަނީ، އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ސަލާމަތީ ނުރައްކާތައް އޮތުމުންނެވެ. ނަމަވެސް، ގިނަ ގޮންޖެހުންތަކަކާއެކު ވެސް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ތާއީދު އިތުރުކުރުމަށެވެ.
މި މެރަތަންގައި ދުވި ގިނަ ބައިވެރިންނަކީ ހަނގުރާމައިގެ ސަބަބުން ކޮންމެވެސް އަނިޔާއެއް ލިބިފައިވާ މީހުންނެވެ. އޭގެ ތެރޭގައި އަތް ފައި އުނި މީހުންނާއި ގުނަވަންތައް ބުރި ކޮށްލަން ޖެހިގެން ބުރިކޮއްފައި ތިބި މީހުންވެސް ހިމެނެއެވެ. މި މީހުން މި މެރަތަންގައި ދުވެފައި ވަނީ އަސާގަނޑުގެ އެހީގައެވެ.
މި މެރަތަންގައި ބައިވެރިވި ދުވުންތެރިން ބުނި ގޮތުގައި، މިއީ ހަމައެކަނި ކުޅިވަރުގެ ހަރަކާތެއް ނޫނެވެ. މިއީ އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރާ ސުލްހަވެރި އިހުތިޖާޖެއްގެ ބައެކެވެ. މި ހަރަކާތުގެ ސަބަބުން ގާޒާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާވެ، ދަތި ހާލަތްތަކުގައި ވެސް ކުރިއަށް ދިއުމުގެ ރޫހު ވަނީ އާވެފައެވެ.
