ސޭންޑްހޮފް ބައްޔަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށް ޖެހޭ، ވަރަށް މަދުން ނޫނީ ނުފެންނަ، ނަމަވެސް ނުރައްކާތެރި، ވާރުތަވާ ބައްޔެކެވެ. މިއީ "ލައިސޮސޯމަލް ސްޓޯރޭޖް ޑިސްއޯޑަރ" އެއްގެ ގޮތުގައި ބެލެވޭ ބައްޔެކެވެ. މި ބަލި ޖެހެނީ ހަށިގަނޑުގައިވާ އެޗް.އީ.އެކްސް.ބީ ނަމަކަށް ކިޔާ ޖީނަށް އަންނަ ބަދަލެއް ނުވަތަ މިއުޓޭޝަނެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަދަލުގެ ސަބަބުން ހަށިގަނޑުގައިވާ ބައެއް ކަހަލަ ފެޓްސް ނުވަތަ ސަރުބީ ބައިތައް ރަނގަޅަށް މުގުރާލުމަށް ބޭނުންވާ 'ބީޓާ-ހެކްސޯސަމިނިޑޭސް އޭ އަދި ބީ' އެންޒައިމްތައް އުފެއްދުމަށް ހުރަސްއެޅެއެވެ. ނަތީޖާއެއްގެ ގޮތުން ނާރުގެ ސެލްތަކުގައި މި މާއްދާ ވިހަވާ މިންވަރަށް ޖަމާވެ، ސިކުނޑިއާއި މައިބަދާގެ ނާރުތަކަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބެއެވެ.
މި ބަލި މައިގަނޑު ތިން ބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން އެންމެ އާންމު އަދި އެންމެ ނުރައްކާތެރި ބާވަތަކީ ތުއްތު ކުދިންނަށް ޖެހޭ ބާވަތެވެ. މި ބާވަތުގައި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ކުއްޖާގެ އުމުރުން 3 މަހާއި 6 މަހާ ދެމެދުގައެވެ. މިގޮތުން ހެދިބޮޑުވުން ލަސްވުމާއި، ހަރަކާތްތެރިވުމުގެ ހުނަރުތައް ގެއްލުމާއި، ފިޓުޖެހުމުގެ އިތުރުން ލޮލުގެ ރެޓިނާގައި "ޗެރީ-ރެޑް ސްޕޮޓް" އެއް ފެންނަން ހުރެއެވެ. މީގެ އިތުރުން ބޯ ބޮޑުވުމާއި ފުރަމޭ ނުވަތަ ހުންކޮށި ބޮޑުވުން ފަދަ ކަންކަން ދިމާވެ، އާންމުކޮށް އުމުރުން 2 އަހަރާއި 4 އަހަރާ ދެމެދު ކުއްޖާ ނިޔާވެއެވެ.
ކުޑަކުދިންނަށް ޖެހޭ ބާވަތް ފެންނަން ފަށަނީ އުމުރުން 2 އަހަރާއި 5 އަހަރާ ދެމެދުގައެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ވާހަކަދެއްކުމަށް އުނދަގޫވުމާއި، ހިނގުމުގައި ބެލެންސް ގެއްލުމާއި، ސިކުނޑީގެ މަސައްކަތްތައް ދަށްވުން ހިމެނެއެވެ. މި ބައިގައި ކުދިން ގިނަ ފަހަރަށް ފުރާވަރުގެ ކުރީކޮޅު ނުވަތަ ފަހުކޮޅު ނިޔާވެއެވެ. މީގެ އިތުރުން ބޮޑެތި މީހުންނަށް ޖެހޭ ބާވަތުގައި އަލާމާތްތައް ފެންނަނީ ފުރާވަރުގައި ނުވަތަ ބޮޑުވުމަށްފަހުގައެވެ. މި ބާވަތުގައި މަސްތައް ބަލިވުމާއި، ނަފްސާނީ މައްސަލަތައް ކުރިމަތިވި ނަމަވެސް، ދިރިއުޅުމުގެ އާންމު މުއްދަތަކަށް ދުނިޔޭގައި ހުރުމުގެ ފުރުސަތު އޮވެއެވެ.
ބަލި ދެނެގަތުމަށްޓަކައި ހަށިގަނޑުގައިވާ އެންޒައިމްތަކުގެ މަސައްކަތް ހުރި މިންވަރު ބެލުމާއި، އެޗް.އީ.އެކްސް.ބީ ޖީނަށް އައިސްފައިވާ ބަދަލު ދެނެގަތުމަށް ޖެނެޓިކް ޓެސްޓު ހަދަންޖެހެއެވެ. މިހާތަނަށް މި ބައްޔަށް ފުރިހަމަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. މިހާރު ދެވޭ ފަރުވާތަކަކީ ބަލިމީހާގެ އުނދަގޫތައް ކުޑަކުރުމަށް ދެވޭ އެހީތެރިކަމުގެ ފަރުވާތަކެވެ. މީގެ ތެރޭގައި ފިޓުޖެހުން ކޮންޓްރޯލްކުރުމަށް ދޭ ބޭހާއި، ކާނާ ދިނުމަށް އެހީތެރިވުމާއި، ފިޒިއޮތެރަޕީ ހިމެނެއެވެ. ނަމަވެސް، ޖީން ތެރަޕީއާއި ސްޓެމް ސެލް ޓްރާންސްޕްލާންޓް ފަދަ އައު ފަރުވާތައް ހޯދުމަށް ސައިންސްވެރިން ދަނީ ތަޖުރިބާގެ މަރުހަލާގައި މަސައްކަތް ކުރަމުންނެވެ.
މި ބައްޔަކީ މަދުން ފެންނަ ބައްޔެއް ނަމަވެސް ދިވެހިރާއްޖޭގައިވެސް މި ބަލި ތަހައްމަލު ކުރާ ކުދިން އުޅެއެވެ. އަދި މި ބަލީގައި ދިވެހި ތުއްތު ކުދިން ވަނީ މި ދުނިޔެއާއި ވަކިވެގެން ވެސް ގޮސްފައެވެ. ދިވެހި ރާއްޖޭގައި މި ބައްޔަށް ފަރުވާކުރާ ހާއްސަ ޑަކްޓަރުން ނެތުމާއި އެކު އާސަންދައިގެ އެހީގައި މި ބައްޔަަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހެއެވެ. އަދި މިފަދަ ކުދިންނަށް ބޭނުންވާ ތެރަޕީތައް ހޯދުމަކީވެސް ރާއްޖޭގައި އޮތް ގޮންޖެހުމެކެވެ. ހާއްސަކޮށް އަތޮޅުތެރޭ ރަށްރަށުގައި އުޅޭ އާއިލާތަކަށް މިއީ އުފުލަން އުނދަގޫ ތަކުލީފެކެވެ.
ސޭންޑްހޮފް ބައްޔަކީ ވާރުތަވާ ބައްޔަކަށް ވާތީ، އާއިލާގައި މި ބަލި ހުރިނަމަ ނުވަތަ މި ބަލީގެ ނުރައްކާ އޮތް ނަމަ، ދަރިން ހޯދުމުގެ ކުރިން ޖެނެޓިކް ކައުންސެލިންގް ހޯދުމާއި ޓެސްޓުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގެ ބައެއް އާބާދީތަކުގެ މެދުގައި، މިސާލަކަށް އަޝްކެނާޒީ ޖޫވިޝް، ލެބަނީޒް، އަދި ކެނެޑާގެ މެޓިސް ދަރިކޮޅުގެ މީހުންގެ މެދުގައި މި ބަލި ފެނުމުގެ ފުރުސަތު ނިސްބަތުން ބޮޑެވެ. މިފަދަ ނުރައްކާތެރި ބަލިތަކުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ހަވާލާ: ސައިންސް ޑެއިލީ 2025.
