ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯނީގެ އިންޖީނު ރޫމުގައި މިއަދު މެންދުރުފަހު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ މައުލޫމާތު މިއަދު 13:22 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

ފަޔަރފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު މުޅިން ނިއްވާލެވިފައިވަނީ މިއަދު 14:45 ހާއިރުއެވެ. މި ހާދިސާ ހިނގި ވަގުތު ދޯނީގައި 5 މީހުން ތިބި ނަމަވެސް، އެ އެންމެން ވަނީ ކައިރީގައި އޮތް އެހެން ދޯންޏަކަށް އަރައި ރައްކާތެރިކަން ހޯދާފައެވެ. އެހެންކަމުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަލިފާން ނިއްވާލެވުނު އިރު، ދޯނީގެ އިންޖީނު ރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އެމްއެންޑީއެފުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.