އިންސާނާގެ އަބުރާއި އިއްޒަތަކީ އިސްލާމްދީން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަންކަމެވެ. އަޅުގަނޑުމެން އެކަކު އަނެކަކާ މުއާމަލާތްކުރާއިރު ބޭނުންކުރާ ބަސްމަގަކީ އެމީހެއްގެ އަޚުލާގު ހާމަކޮށްދޭ މުހިންމު ވަސީލަތެކެވެ. މީސްތަކުންނަށް އިހުތިރާމުކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އެމީހަކު ގަބޫލުކުރާ، އެމީހަކު ހިތްހަމަޖެހޭ ރީތި ނަންނަމުން މުޚާތަބުކުރުމެވެ. ނަމަވެސް މިއަދުގެ މުޖުތަމައުގައި މީހުން ދަށްކޮށްލުމުގެ ގޮތުން ނުވަތަ ސަމާސާއަކަށް ހަދާފައި އެމީހުން ނުރުހޭ ނަންނަމުން ގޮވުމަކީ އާންމު ކަމަކަށް ވެފައިވުމީ ހިތާމަހުރި ކަމެކެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ މިފަދަ ނުރަނގަޅު އާދަތަކުން ދުރުހެލިވުމަށް އަމުރުކުރައްވާފައެވެ. ސޫރަތުލް ހުޖުރާތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ: "وَلَا تَنَابَزُوا بِالْأَلْقَابِ" މާނައަކީ: "އަދި އެކަކު އަނެކަކަށް ނުރުހޭފަދަ ނަންނަމުން ގޮވައި ނޫޅޭށެވެ!" މި އާޔަތުން އެނގިގެންދަނީ އެހެން މީހުންނަށް މަލާމާތްކުރުމުގެ ގޮތުން ނުވަތަ އެމީހުން ދެރަކޮށްލުމުގެ ގޮތުން ނަންނަން ކިޔުމަކީ އިސްލާމީ އަދަބުތަކާ ޚިލާފު، ފާފަވެރިވާނެ ކަމެއް ކަމެވެ. މިއީ މުޖުތަމައުގެ ބަދަހިކަން ގެއްލި، ހިތްނުތަނަވަސްކަން އުފެދޭ ކަމެކެވެ.

އެހެން މީހުން ނުރުހޭ ނަންނަމުން ގޮވުމަކީ ހަމައެކަނި ބަހުގެ ގޮތުން ކުރެވޭ ފުރައްސާރައެއް ނޫނެވެ. އެއީ އެމީހެއްގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް، އެމީހުންގެ ހިތްނޭދޭ ނަމަކުން މުޚާތަބުކުރުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، މީހުންގެ ތެރެއަށް ނުކުމެ އުޅުމަށް ފަސްޖެހެއެވެ. މިއީ ގިނަ ފަހަރަށް "ބުލީ" ކުރުމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، މީގެ ސަބަބުން އުފެދޭ ރުޅިވެރިކަމަކީ މުޅި މުޖުތަމައުގެ އަމާންކަން ގެއްލުވައިލާ ކަމެކެވެ.

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވިދާޅުވެފައިވެއެވެ. "މީހަކަށް އިހުތިރާމު ކުރަން ނޭނގޭނަމަ، މަދުވެގެން އެމީހެއްގެ އަބުރަށް އަރައިނުގަނެ ހަނުހުރުން މާ ބުއްދިވެރިއެވެ." މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނާލަންޖެހޭ ބަސްކޮޅެކެވެ. އަޅުގަނޑުމެންގެ ދުލުން ބޭރުވާ ކޮންމެ ބަހަކީ އަނެކާއަށް އުފާވެރިކަން ގެނެސްދޭ ބަހަކަށް ނުވި ކަމުގައިވިޔަސް، އެއީ އަނެކާގެ ހިތުގައި ޖެހޭ ނުވަތަ އޭނާ ދެރަކޮށްލާ ބަހަކަށް ވެގެން ނުވާނެއެވެ. ކޮންމެ އިންސާނަކީވެސް އިއްޒަތްތެރި ނަފްސެއްގެ ވެރިއެއްކަން ގަބޫލުކުރަންޖެހެއެވެ.

އެހެންކަމުން، އެކަކު އަނެކަކަށް މުއާމަލާތު ކުރުމުގައި އެންމެ ރީތި ނަންނަން ބޭނުންކުރުމަކީ މާތްވެގެންވާ ސިފައެކެވެ. އަނެކާ ނުރުހޭ ނަމަކުން ގޮވުމުން ލިބޭނެ އެއްވެސް މަންފާއެއް ނެތެވެ. އޭގެ ބަދަލުގައި އޮތީ ގެއްލުމާއި ހިތްހަމަނުޖެހުމެވެ. އެހެންކަމުން، މުޖުތަމައުގައި ލޯތްބާއި ކުލުނު އާލާކުރުމަށްޓަކައި، ކޮންމެ މީހަކުވެސް އެމީހަކު އެންމެ ގަބޫލުކުރާ ރީތި ނަމުން ގޮވުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަން ޖެހެއެވެ. ބަސްމަގު ރީތިކޮށްގެން މެނުވީ ރިީތި އަޚުލާގެއްގެ ވެރިއަކަށް ނުވެވޭނެއެވެ.

ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން (2025)