ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭގައި އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށްކިޔާ ސަފާރީއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ސަފާރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަޔަރފައިޓަރުން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ އުޅަނދަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މިއީ މިއަދު މާލެ ސަރަހައްދުގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. މީގެ ކުރިން މިއަދު މެންދުރު ގުޅީފަޅު ބޭރުގައި އޮތް ދޯންޏެއްގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ސަފާރީގައި ރޯވި އަލިފާނާ ގުޅޭ އިތުރު މައުލޫމާތު އެމްއެންޑީއެފުން އަންނަނީ ހޯދަމުންނެވެ.