ހުޅުމާލެ ފަޅު ބޭރުގައި އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ސަފާރީގައި މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:55 ހާއިރު ކަމަށެވެ. އަލިފާން ރޯވި ވަގުތު ސަފާރީގައި ތިބި މީހުންގެ ތެރެއިން ދެ މީހަކަށް ދުމުގެ އަސަރުކޮށްގެން ސިއްހީ ފަރުވާ ބޭނުންވުމުން، ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި ސަފާރީ އޮތީ ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދެމެދުގައެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނާއި މެރިން ޕޮލިހުން ވަނީ ހަރަކާތްތެރިވެފައެވެ.
މިއީ މިއަދު މާލެ ސަރަހައްދުގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. މިއަދު މެންދުރު ގުޅީފަޅު ނެރު ކައިރީ އޮތް ދޯންޏެއްގައިވެސް ވަނީ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ސަފާރީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.
