ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ފާއިތުވި ދެ އަހަރުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހޯއްދަވާފައި ވަނީ މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ހާސިލުކުރެވިފައިނުވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ބިދޭސީން ގަވާއިދަށް ފެއްތުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު ހާމަކުރެއްވި މައުލޫމާތުތަކަށް ތާއީދުކުރައްވައެވެ. ރައީސް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު (އިނގިލީގެ ނިޝާނާއި ފޮޓޯ) މިހާރު ވަނީ އެއްކުރެވިފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މި އަދަދު އުޅުނީ އެންމެ 13 އިންސައްތައިގައެވެ.

މި މަސައްކަތުގެ ދެން އޮތް މަރުހަލާއަކީ، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ސައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގުމެވެ. މިނިސްޓަރު އިޙްސާން ވިދާޅުވީ، މިއީ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރަމުންދާ މަސައްކަތެއް ކަމަށާއި، މީގެ ސަބަބުން ބިދޭސީންގެ މައްސަލައަށް "އިންގިލާބީ" ބަދަލެއް އަންނާނެ ކަމަށެވެ.