އިންހޭލާ ބޭނުންކުރުމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރުތަކާއި ދޮގު މައުލޫމާތުތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ "ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ ނޭވާހިއްލާ ބަލީގެ ދުވަހުގެ ޝިއާރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިންހޭލާއަކީ ރައްކާތެރި، ނަތީޖާ ފެންނަ، އަދި އެއަށް ދެވިހިފާ އެއްޗެއް ނޫންކަން އެކަމަނާ ކަށަވަރުކޮށްދެއްވިއެވެ. އަދި އިންހޭލާގެ ސަބަބުން ބަލި ކޮންޓްރޯލްކޮށް، ބަލި ބޮޑުވުން ކުޑަކޮށްދީ، މީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތަކާއި ފުއްޕާމޭގެ ބަލިތައް ދެނެގަތުމަށް ކުރެވޭ ތަޙްލީލްތައް ގާއިމުކުރުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ރަށްރަށުގައި ނޭވާލާ ނިޒާމުގެ ފަރުވާ އެންމެ އެދެވޭ ގޮތުގައި ނުދެވޭކަމަށާއި، ބަލި ދެނެގަތުން ލަސްވުމުގެ ސަބަބުން ކުއްލި ޙާލަތުގައި ފަރުވާދޭންޖެހުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ވައި ނުސާފުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭވާލާ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި، ރާއްޖޭގައި އާންމުވަމުންދާ އެލާޖީއާއި އެގްޒީމާ ފަދަ ބަލިތަކުގެ ސަބަބުން ނޭވާހިއްލުމުގެ މައްސަލަތައް އިތުރުވަމުންދާކަންވެސް މެޑަމް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.