ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މާލެ ސަރަހައްދުގައި މިއަދު ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ބަޔޮމެޓްރިކްސް ނުދީ އުޅުނު 254 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ކުރިއަށްގެންދިޔަ މި ހަރަކާތަކީ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ. އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ދެ ގަޑިއިރަށް ކުރިއަށްދިޔަ މި އޮޕަރޭޝަންގައި މާލެ ސަރަހައްދު 42 ޒޯނަކަށް ބަހާލައިގެން ޖުމްލަ 1،344 ބިދޭސީން ވަނީ ބަލައިފާސްކޮށްފައެވެ.
މި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްހަ ވޯކްޕާމިޓުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ބަޔޯމެޓްރިކްސް ފުރިހަމަކުރެވިފައިވާ ކަމަށެވެ. މި ސަރުކާރު ހަވާލުވިއިރު މި އަދަދު އުޅުނީ އެންމެ 13 އިންސައްތައިގައެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި ބާކީ ތިބި ބިދޭސީން ހޯދައި، އެމީހުން ޑިޕޯޓުކުރުމުގެ ހާއްސަ މަސައްކަތްތަކެވެ. ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މެއި 2، 2024 ގައެވެ.
