ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ ފަސްގަނޑު ހިމާޔަތްކޮށް، ގައުމުގެ އިސްތިގުލާލާއި ސިޔާދަތީ ބާރު ދެމެހެއްޓުމަށް ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިންޑިއާ ކަނޑުގެ އެންމެ ޒަމާންވީ އެއް ތަހުޒީބުގެ ގޮތުގައި ރާއްޖެ އޮތްއިރު، ދިވެހިންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި ދިވެހިންނަކީ ކަނޑުގެ ދަރިންނަށް ވާއިރު، އެކަން ހާސިލުކުރުމަށް ސަރުކާރުން އިހުލާސްތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިފައިން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ، ސިފައިންނަކީ ވަރަށް ހިތްވަރުގަދަ ބައެއް ކަމަށެވެ. އަދި ސިފައިންގެ ކަންކަން ރަނގަޅުކުރުމަށް ރައީސް ހާއްސަ ސަމާލުކަމެއް ދެއްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސްއާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، "އަޅުގަނޑަށް މިނިސްޓަރުކަން ހަވާލުކުރެއްވުމަށްފަހު ބޭއްވި އެންމެ ފުރަތަމަ ބައްދަލުވުމުގައި ރައީސް އަޅުގަނޑާ ދެއްކެވި ވާހަކަފުޅު ހަނދުމައެބަހުރި. އެގޮތުން ސިފައިންގެ އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތަކާއި، ސިފައިންގެ މަރުކަޒުތަކާއި، ބެރެކްތަކުގެ ހާލަތު ރަނގަޅުކުރުމާއި، ސިފައިންގެ ޔުނީފޯމާއި ސޭފްޓީ އިކުއިޕްމެންޓް އާކުރަމުން ގެންދިއުމަށް ވަގުތުން ވިދާޅުވި،" ކަމަށެވެ.
ސިފައިންގެ ގާބިލުކަން އިތުރުކޮށް، މަސައްކަތުގެ މާހައުލު އިތުރަށް ހަރުދަނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ތަކުރާރުކުރައްވާފައެވެ.
