އިންޑިއާ ކަނޑުގެ އެންމެ މުހިންމު ކަނޑުއޮޅިތަކުގެ ކޮންޓްރޯލް އޮތީ ރާއްޖެއަށް ކަމަށާއި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމަށް އަސްކަރިއްޔާގެ އޮޕަރޭޝަނަލް ދާއިރާ ފުޅާކުރަން ޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ޖިއޮގްރަފީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ހިލްމީ ވިދާޅުވީ، ރާއްޖެ އޮތީ އިންޑިއާ ކަނޑުގެ ވަރަށް ހާއްސަ ސަރަހައްދެއްގައި ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު އެވްރެޖުކޮށް 70،000 އާއި 90،000 އާ ދެމެދުގެ އަދަދަކަށް ބޯޓުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ކަމަށާއި، މިއީ އިންޑިއާ ކަނޑުގެ މައިގަނޑު ކަނޑުއޮޅިތަކުގެ ކޮންޓްރޯލް ރާއްޖެއަށް އޮތްކަން ސާބިތުކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ރާއްޖޭގެ ސަރަހައްދު މުހިންމުވާ ސަބަބުތައް ބަޔާންކުރައްވަމުން ހިލްމީ ވަނީ ބައެއް ނުރައްކާތަކަށް އިޝާރާތް ކުރައްވާފައެވެ.

"މިއީ ދިވެހިރާއްޖޭގެ ސަރަހައްދު ދުނިޔޭގެ ކޮންމެ ސަރަހައްދަކަށްވެސް މުހިންމުވާ މައިގަނޑު ސަބަބު. އިންޑިއާ ކަނޑުގެ ތެރޭގައި ހިނގާ ކަނޑުފޭރުމާއި، ޓެރެރިޒަމާއި، މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރުމާއި، ރާއްޖޭގެ 200 މޭލު ރޮނގުން އިންޗިއެއްހާ ބޭރުގައި ތިބެގެން ކުރާ މަސްވެރިކަމުގެ ގެއްލުމާއި ނުރައްކާ ރާއްޖެއަށް ސީދާގޮތުން ކުރޭ،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

މި ނުރައްކާތަކުން ގައުމު ސަލާމަތް ކުރުމަށްޓަކައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ އެތެރެއާއި ބޭރުން އަންނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ހިލްމީ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ބިމާއި، ވައިގެ ސަރަހައްދާއި، ކަނޑުގެ ސަރަހައްދު ދިފާއުކުރުމަކީ ގާނޫނުއަސާސީން ސިފައިންނާ ހަވާލުކޮށްފައިވާ ވަރަށް މުހިންމު ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބޭރުގައި ހިނގާ ކަންކަމުގެ ސަބަބުންވެސް ގައުމުގެ ސިޔާދަތަށް ނުރައްކާވާކަން ފާހަގަކުރައްވައި، ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަންތައް މިހާރު އެއްގަމާއި، ވަޔާއި، ކަނޑުގެ އިތުރުން ޖައްވީ ސަރަހައްދުގައިވެސް ކުރިއަށްވުރެ ބޮޑަށް ފުޅާކުރަމުން އަންނަ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.