އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓްގެ ޑެންވަރ އިންޓަނޭޝަނަލް އެއާޕޯޓުގެ ވަށައިގެން ޖަހާފައިވާ ފެންސު މަތިން ފުންމާލައިގެން އެއާޕޯޓުގެ ތެރެއަށް ވަދެ ރަންވޭއަށް އެރި މީހެއްގެ ގައިގަ، ފްރޮންޓިއަރ އެއާލައިންސްގެ ބޯޓަކުން ޖެހި މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއާޕޯޓު އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، އެ މީހާ އެއާޕޯޓުގެ ސަލާމަތީ ފެންސު މަތިން ފުންމާލައި، ރަންވޭ ހުރަސްކުރަން އުޅެނިކޮށް ބޯޓުން ޖެހިފައިވަނީ ފެންސު މަތިން ފުންމާލިތާ އެންމެ ދެ މިނެޓު ތެރޭގައެވެ.
މި ހާދިސާގައި މަރުވި މީހާގެ ވަނަވަރު މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މީހާ ސަލާމަތީ ފެންސު މަތިން ފުންމާލައި، ރަންވޭއަށް ވަދެގަތް ސަބަބެއް ވެސް އަދި ސާފެއް ނުވެއެވެ.
ސީ.އެން.އެން އިން ރިޕޯޓުކޮއްފައިވާ ގޮތުގައި ފްރޮންޓިއަރ އެއާލައިންސްގެ ބޯޓުން މި މީހާގެ ގައިގައި ޖެހުނު އިރު، ބޯޓު ދިޔައީ ރަންވޭ މަތީގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާއާ ގުޅިގެން އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކާއި ފުލުހުން ދަނީ އިތުރަށް ތަހުގީގުތައް ކުރަމުންނެވެ.
