މިވަގުތު އެންމެ ގިނައިން ދެކެވެމުންދާ އެއްވާހަކަ އަކީ ދުނިޔޭގެ ބިލިއަނަރުން ޖައްވަށް ދިއުމަށް ވާދަކުރާ ވާހަކައެވެ. އެގޮތުން އިއްޔެ ވަގުތެއްގައި ބިލިއަނަރެއް ކަމަށްވާ ރިޗަރޑް ބްރޭންސަން ވަނީ އެމެރިކާގެ އޭނާގެ ޖައްވީ ބަނދަރުން ޓީމަކާއި އެކު ޖައްވަށް ދިއުމަށް ނައްޓާލާފައެވެ. އަދި ޖައްވުގައި ތަޖުރިބާ ކުރާ 'ނޯ ގްރެވިޓީ' (ބިމަށް ދަމާ ބާރު ނެތް) ހިސާބަށް ދެވުމުން އެ އުޅަނދު ވަނީ އަނބުރާ ދުނިޔޭގެ ބިމަށް ޖައްސާފައެވެ.  

މި މަހުގެ 20 ވަނަ ދުވަހު އެމެޒޯންގެ ކުރީގެ ސީއީއޯ ޖެފް ބެޒޯސްވެސް ޖައްވަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭނާގެ މި ދަތުރުގައި އޭނާގެ ބޭބެ ބައިވެރިވުމަށް ހަމަޖެހިފައިވާއިރު ޖައްވަށް ދާން ބޭނުންކުރާ އުޅަނދަކީ ދެވަނަ ފަހަރަށް ބޭނުންކުރެވޭ އުޅަނދެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަންމިހެން އޮތްއިރު، ބިލިއަނަރުން މިގޮތަށް ކުޑަ ކުޑަ ވަގުތުކޮޅަކަށް ޖައްވަށް ދާން ބޭނުން މިވަނީ ކީއްވެކަން އިނގޭތޯއެވެ؟ ކުރިއަރަމުންދާ ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ޕްރޮމޯޓް ކުރާ އެއް ކަމަކީ އެސްޓްރޯ ޓުއަރިޒަމް ނުވަތަ ޖައްވީ ފަތުރުވެރިކަމެވެ. މިއީ ފަތުރުވެރިކަމަށް ހީނުކުރާހާ ބޮޑު އިންގިލާބެއް އަންނާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޖައްވީ ފަތުރުވެރިކަން ފެށުމަށް ބިލިއަނަރުން ފަށާފައިވާ މި ރޭހުގައި އެންމެ ކުރީގައި އުޅެނީ ސްޕޭސް އެކްސްގެ ވެރިޔާ އީލޯން މަސްކް އެވެ. އީލޯން މަސްކްގެ ކުންފުނިން ވަނީ މީގެ ކުރިން ޖައްވުގައި ހުންނަ ބައިނަލްއަޤްވާމީ ޖައްވީ އުޅަނދަށް އެތައް މުދާތަކާއި އެސްޓްރޯނޯޓުން ފޮނުވަދީފައެވެ. އީލޯން މަސްކްގެ އުޅަނދުތައް އައި އެސް އެސް ނުވަތަ އިންޓަރނޭޝަނަލް އަށް ފޯރާފައިވާއިރު މިއީ ދުނިޔޭގެ ބިމާއި 400 ކިލޯމީޓަރ ދުރަށް ކޮށްފައިވާ ދަތުރެކެވެ. އިއްޔެ ރިޗާރޑް ބްރޭންސަންގެ ދަތުރުގައި އޭނާ ވަނީ 89 ކިލޯމީޓަރ ދުރަށް ދަތުރުކޮށްފައެވެ. މި މިހުގެ 20 ވަނަ ދުވަހު ބެޒޯސްގެ ޓާގެޓްއަކީ ދުނިޔޭގެ ބިމާއި 100 ކިލޯމީޓަރ ދުރަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.