ސައިންސްވެރިން ވަނީ ފުރަމޭ މުސްކުޅިވުމުގެ މަރުހަލާ މަޑުޖައްސާލައި، އަލުން އާރޯކުރުމާ ގުޅޭ ހައިރާންކުރުވަނިވި އައު ދިރާސާއެއް ދާދި ފަހުން އާންމުކޮށްފައެވެ. "ޑައިޖެސްޓިވް ޑިޒީސް ވީކް" ގައި ހާމަކޮށްފައިވާ މި ދިރާސާއަކީ އިންސާނީ ދަރިފަސްކޮޅަށް އުއްމީދީ މައުލޫމާތުތަކެއް ގެނެސްދިން، ބޭސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭނެ ހޯދުމެކެވެ.

މީދާތަކެއް ބޭނުންކޮށްގެން ކުރި މި ދިރާސާގައި ހާމަވި ގޮތުގައި، ގޮހޮރުގައި ހުންނަ "މައިކްރޯބަޔޯމް" ނުވަތަ ބެކްޓީރިއާތައް ޒުވާން އުމުރުގެ ބެކްޓީރިއާއަށް ބަދަލުކޮށްލުމަކީ، އުމުރުން ދުވަސްވުމުގެ ސަބަބުން ފުރަމެއަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި މީގެ ސަބަބުން ފުރަމޭގެ ކެންސަރުން ރައްކާތެރިވުމުގެ ފުރުސަތު ވެސް ބޮޑުވެގެންދެއެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ގޮތަށް ބަލާއިރު، އުމުރުން ދުވަސްވީ މީދާތަކަކަށް، އެ މީދާތައް ޒުވާން އިރު އެއްކޮށް ރައްކާކުރެވިފައިވާ ގޮހޮރުގެ ބެކްޓީރިއާތައް ވަނީ އަލުން ފޯރުކޮށްދީފައެވެ. މި "ރީބޫޓް" ކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ މީދާތަކުގެ ފުރަމޭގައި އުފެދޭ އިންފްލެމޭޝަން (ދުޅަވުން) ވަރަށް ބޮޑަށް ކުޑަވެގެންދިޔައެވެ. އަދި ސެލްތަކުގެ ޑީ.އެން.އޭ އަށް ލިބިފައިވާ ގެއްލުންތައް ކުޑަވެ، ފުރަމޭގެ ކެންސަރުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ.

ސައިންސްވެރިން ފާހަގަކުރި ގޮތުގައި، މި ފަރުވާއިން "އެމް.ޑީ.އެމް 2" ކިޔާ ކެންސަރާ ގުޅުންހުރި ޖީނެއްގެ ބާރު ކަނޑުވާލައެވެ. މީގެ ސަބަބުން އުމުރުން ދުވަސްވީ މީދަލުގެ ފުރަމޭގެ ބަޔޮލޮޖިކަލް އޮނިގަނޑު، ޒުވާން މީދަލެއްގެ ފުރަމެއާ އެއްގޮތްވެގެންދެއެވެ.

މި ހޯދުމަކީ ކުރިމަގުގައި އިންސާނުންގެ ފުރަމޭގެ ބަލިތަކަށް ފަރުވާކުރުމުގައާއި، އުމުރުން ދުވަސްވުމުން ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ހައްލު ހޯދުމުގައި އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއް ކަމަށް މާހިރުން ގަބޫލުކުރެއެވެ. ފުރަމޭގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ގޮހޮރުގެ ބެކްޓީރިއާތަކުގެ ދައުރު މި ދިރާސާއިން ވަރަށް ސާފުކޮށް ކިޔައިދެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.