ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބި، ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތަކަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި، މަޓާޓޯ އަދި އެންއެޗްޖީއޭއެމް އިން ވަނީ ސަރުކާރަށް ހުށަހަޅާފައެވެ.
މި ދެ ޖަމިއްޔާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މާޗް އަދި އޭޕްރީލް މަހު ޓޫރިސްޓުން އައި އަދަދު މަދުވެފައިވާއިރު، މި ހިނގާ މެއި މަހުވެސް މި އަދަދު އިތުރަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ލޯކަލް އެސްއެމްއީތަކާއި، ގެސްޓްހައުސްތަކާއި ޓްރެވަލް އޭޖެންޓުންނަށެވެ. އަދި މާލީ ގޮންޖެހުންތަކާ ހެދި ބައެއް ވިޔަފާރިތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މި އަނދަވަޅުން ސަލާމަތްވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް މި ޖަމިއްޔާތަކުން ވަނީ އެދިފައެވެ. އޭގެ ތެރޭގައި ލޯނުތަކަށް އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ދިނުމާއި، މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ އިތުރުން ޓެކްސް ދެއްކުމުގައި ލުއިތަކެއް ހޯދައިދިނުން ހިމެނެއެވެ. ހަމައެއާއެކު، އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމަށްޓަކައި އެއާޕޯޓް ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމާއި، މުވައްޒަފުން ވަޒީފާގައި ދެމެހެއްޓޭނެ މާލީ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ޓޫރިޒަމް މަޝްރޫއުތަކަށް ބޭނުންވާ ސާމާނުގެ އަގު ކޮންޓްރޯލްކޮށްދިނުމަށް ވެސް އެދިފައިވެއެވެ.
ކުރިން ދިމާވި މިފަދަ އުނދަގޫ ހާލަތްތަކުގައި ވެސް ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ވަރަށް ބޮޑު ކެތްތެރިކަމެއް ދައްކާފައިވާކަން އެ ޖަމިއްޔާތަކުން ފާހަގަކުރިއެވެ. އަދި މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިކަން ހިފެހެއްޓުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މަޓާޓޯ އާއި އެންއެޗްޖީއޭއެމް އިން ވަނީ ދީފައެވެ.
