މީހަކަށް އޮޅިގެން އޭޓީއެމްއަށް ދޫކޮށްލެވިފައި އޮތް ކޭޝް ކާޑެއް ނަގައި، އެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ. ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ވީޑިއޯއެއް އާންމުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އޭޓީއެމްއެއްގައެވެ. އެތަނަށް ފައިސާ ނަގަން ދިޔަ މީހަކަށް އޮޅިގެން ކާޑު ދޫކޮށްލެވިފައި ވަނިކޮށް، އެހެން މީހަކު އެ ކާޑު ނަގައިގެން ގޮސް އެކި ތަންތަނުން ވިޔަފާރިކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ހިމެނޭ މީހާ ހޯދަން އިއުލާނުކުރީ އޭނާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ. އަދި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތައް ތަހުގީގުކޮށް ކުށްވެރިން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
