ކުޑަކުދިންނަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު އެއް ނިއުމަތެވެ. އެކުދިންނަކީ އާއިލާތަކުގެ ދިރުމާއި، ގޭތެރޭގެ އުޖާލާކަމެވެ. ކުޑަކުދިންނަކީ "ހިތްތަކުގެ މާލެމެލާމެލި" ކަމުގައި ބުނެވެނީ އެކުދިންގެ ކިބައިގައި ހުންނަ ފުރިހަމަ ސިފަތަކާއި، އެކުދިންގެ ސަބަބުން ދިރިއުޅުމަށް ލިބޭ އުފާވެރިކަމެއްގެ ބޮޑުކަމުންނެވެ. ބަގީޗާއެއްގެ ރީތިކަން ފުރިހަމަވަނީ އެތަނުގައި ފޮޅޭ ރީތި މަލުން ކަމަށްވާ ފަދައިން، އިންސާނީ މުޖުތަމައެއްގެ އުފާވެރިކަން ބިނާވެފައިވަނީ އެ ތަނެއްގައި ތިބޭ މައުސޫމް ކުޑަކުދިނަށެވެ. މި ކުދިންގެ އެންމެ ހާއްސަ ސިފައަކީ އެކުދިންގެ މައުސޫމްކަމެވެ. މަލެއް ފޮޅިގެން އަންނައިރު އޭގައި އެއްވެސް ކިލަނބުކަމެއް ނުހުންނަ ފަދައިން، ކުޑަކުދިންގެ ހިތްތަކަކީވެސް ސާފު ތާހިރު އެއްޗެކެވެ. އެކުދިންގެ ހިނިތުންވުމާއި، ވާހަކަދެއްކުމުގައި އެއްވެސް މަކަރެއް ނުވަތަ ހީލަތެއް ނުވެއެވެ. މި ސާފުކަމުގެ ސަބަބުން ބޮޑެތި މީހުންގެ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއެވެ.

ގޭތެރޭގައި ކުޑަކުއްޖަކު އުޅޭނަމަ އެ ގެއަކަށް ލިބިފައިވަނީ ބަޔާންކުރަންދަތި އުފާވެރިކަމެކެވެ. އެކުދިންގެ ކުދިކުދި ހަރަކާތްތަކާއި، ލޯބި އަޑުތަކަކީ ހިތްދަތިކަމާއި ވަރުބަލިކަން ފިލުވައިދޭ ފަރުވާއެކެވެ. ދިރިއުޅުމުގެ ބުރަ މަސައްކަތަށްފަހު ގެއަށް އަންނަ ވަގުތު، ކުޑަކުއްޖެއްގެ ހިނިތުންވުމާއެކު މަރުހަބާ ކިޔުމުން މުޅި ދުވަހުގެ ވަރުބަލިކަން ފިލައިގެންދާ ފަދައެވެ. އެހެންކަމުން އެކުދިންނަކީ ދިރިއުޅުމުގެ ބާއްޖަވެރިކަމާ ގުޅިފައިވާ މަލެކެވެ.

މަލެއް އޭގެ ފުރިހަމަ ގޮތުގައި ހެދިބޮޑުވުމަށް ފެނާއި ގަސްކާނާ ބޭނުންވާ ފަދައިން، ކުޑަކުދިންނަށްވެސް އިސްލާމީ ރީތި ތަރުބިއްޔަތާއި ލޯބި ބޭނުންވެއެވެ. އެކުދިންނަކީ މާތް ﷲ އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެކެވެ. އެހެންކަމުން، އެކުދިންގެ އަގީދާ ވަރުގަދަކޮށް، އިސްލާމީ ރީތި އަހުލާގުގެ މަތީގައި ބޮޑުކުރުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެކެވެ.

ކުޑަކުދިންނަކީ ހަގީގަތުގައިވެސް އަޅުގަނޑުމެންގެ ހިތްތަކުގެ މާލެމެލާމެއްޔެވެ. އެކުދިންނަށް އޯގާތެރިވުމާއި، އެކުދިންގެ ހައްގުތަކަށް އިހުތިރާމްކުރުމަކީ މުޅި މުޖުތަމައު ބާއްޖަވެރިވާނެ ކަމެކެވެ. މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ގައުމުގެ ބިނާކުރަނިވި ޖީލެވެ. އެހެންކަމުން، މި މާތް ނިއުމަތުގެ އަގުވަޒަންކޮށް، ލޯތްބާއި އޯގާތެރިކަމާއެކު އެކުދިން ބަލާބޮޑުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.