ދާޚިލީ ހަނގުރާމައެއްގެތެރޭ 10 އަހަރު ފުރިހަމަކޮށްފައިވާ ސީރިއާގައި ތަކެތީގެ އަގު މައްޗަށްގޮސްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ. އެގޮތުން އެގައުމުގައި ވިއްކާ ޕާނުގެ އަގު 2 ގުނަ އަށް ބޮޑުވެފައިވާއިރު ތެލުގެ އަގު ވަނީ ތިންގުނަ މައްޗަށް ގޮސްފައެވެ. މިއީ މިދިޔަ ހަފްތާގެ ތެރޭ ދިމިޝްޤުން ވިއްކާ ޕެޓްރޯލްގެ އަގު %25 މައްޗަށް ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އައި ބަދަލުތަކެއް ކަން ފާހަގަވެއެވެ.
ސީރިއާގެ ތަކެތީގެ އަގު މައްޗަށް ދިއުމުގެ ފަހަތުގައި އޮތީ އެގައުމުގެ ވެރިއަކަށްހުރި ބައްޝާރުލް އަސްއަދުގެ ސިޔާސަތުކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަސްއަދުގެ މައިގަނޑު މަޤްޞަދަކީ އެގައުމުގައި ހިނގަމުންދާ ހަނގުރާމާގައި ސަރުކާރާއި ވަކިވެފައިވާ ރަށްތަކާއި ސިޓީތަކުގައި ދިރިއުޅޭމީހުންނަށް ދަތި ކުރުމެވެ. އެގޮތުން ތަކެތީގެ އަގު މައްޗަށް ދިއުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އަސްއަދު ވަނީ ސަރުކާރަށް ތާއީދުކުރާ ސިޓީތަކުގެ ވަޒީފާތަކުގެ މުސާރަތައް ބޮޑުކޮށް ޕެންޝަންގެ ގޮތުގައި ދޭވަރު ވެސް ބޮޑުކޮށްފައެވެ.
ނަމަވެސް ކުރިއަށް އޮތްތަނުގައި އިޤްތިޞާދަށް އަންނާނެ ބަދަލުތަކާއި ގުޅިގެން ސީރިއާގައި މި އަގުތައް ތިރިނުވާނެކަމުގެ ބިރު އޮތީ ހީވެފައެވެ. މިއީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް މިލިއަން ބަޔަކަށް ލިބޭނެ ހިތްދަތި ކަމެވެ. އާއްމުގޮތެއްގައި އަހަރުގެ ބޮޑުބައި ފިނީގައި ހޭދަކުރާ ސީރިއާގައި ތެލަކީ ގެތައް ހޫނުކުރުމަށާއި ދަތުރުކުރުމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. މީގެ އިތުރުން އެ ގައުމުގައި މިހާރުވެސް ކާއެއްޗެހީގެ ދަތިކަން ޖެހިފައިވާއިރު، ޕާނުގެ އަގު މައްޗަށް ދިއުމާއެކު ގިނަ ރަށްތަކުގެ ކުޑަކުދިންނާއި އަންހެނުންނަށް ކާނާ ލިބުމުގައި އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށް ކަމާ ބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.
ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެންމެ ބޮޑު އެހީއެއް ވަމުން އަންނަނީ އަވަށްޓެރި ތުރުކީއެވެ. އެގޮތުން ތުރުކީއިން ވަނީ މިހާރުވެސް ގޮދަންފުށް އުފައްދާ ކާރުޚާނާ ތަކާއި ކަރަންޓް އުފައްދާ އިންޖީނުގެ ތައް ސީރިއާގެ އުތުރުގެ ރަށްތަކުގައި ބިނާކޮށްދީފައެވެ. ރާއްޖޭގައިވެސް ސީރިއާފަދަ ހާލުގައި ޖެހިފައިވާ މުސްލިމުން ދިރިއުޅޭ ގައުމުތަކަށް އެހީ ފޯރުކޮށްދެމުންދާ ޖަމިއްޔާތައް މިހާރު އުފެދިފައި ވާކަން ފާހަގަކޮށްލަންޖެހެއެވެ.
