ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި މުޖުތަމައު ބިނާކުރުމުގައި މައިން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މައިންނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ. އެކަމަނާ މައިންގެ އަގުވަޒަންކުރެއްވީ ބައިނަލްއަގްވާމީ މަންމައިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި މެޑަމް ސާޖިދާ ވަނީ ގައުމުގެ ކުރިމަގުގެ ބިންގާ އެޅުމަށްޓަކައި ދިވެހި މައިން ދޭ ފުރިހަމަ އަޅާލުމަށާއި، ވަމުންދާ ކޮންމެ ގުރުބާނީއަކަށް ސާބަސްދެއްވާފައެވެ. އަދި ދަރިންނަށް އުނގަންނައިދޭ ކޮންމެ ފިލާވަޅަކީ ގައުމު ބިނާކުރުމުގައި މައިން އަދާކުރާ މައިގަނޑު ދައުރުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހާ މައިންނަށް ވެސް ރައީސްގެ އަނބިކަނބަލުން ވަނީ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ސިފަކުރެއްވި ގޮތުގައި، މައިންގެ ކިބައިގައި ހުންނަ ނުގުޑާފަދަ ސާބިތުކަމާއި، ހިތްވަރާއި އަދި އޯގާތެރިކަމަކީ އާއިލާތަކާއި މުޅި މުޖުތަމައުތަކުގެ ހަމަޖެހުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބާރެވެ.