އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅުވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށް ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ. އަދި އެ ކުންފުންޏަށް ލިބެންޖެހޭ ހައްގުތައް ހޯދުމަށް މިހާރު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީން ވިއްކި ގިނަ ރަށްތައް ތަރައްގީކުރަން މިހާރު ދޫކޮށްލާފައިވީ ނަމަވެސް، ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ތ. އޮޅުގިރި ދޫކޮށްފައި ނުވާ ކަމަށެވެ. އަދި އެ ރަށް ތަރައްގީކުރަން ކުރި މަސައްކަތްތައް ކާމިޔާބުނުވެ އޮތީ ބަލަމުންދާ މައްސަލައެއް އޮތް ކަމަށް ބުނެ އޭސީސީން އިންވެސްޓަރުން ބިރުގަންނުވަމުން ދާތީ ކަމަށް އެ ކުންފުނިން ތުހުމަތުކުރެއެވެ. އޮޅުގިރިއަކީ އެ ކުންފުނިން ހައްގު ގޮތުގައި އަގުދައްކާފައިވާ ރަށަކަށްވާތީ، އެ ހައްގު ހޯދުމަށް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ވަނީ އޭސީސީއަށް ޖަވާބުދާރީވުމަށް އަމުރުކޮށްފައެވެ.

ޕޮޕިއުލާ މޯލްޑިވްސް އިން ބުނި ގޮތުގައި، ހަތް އަހަރު ވަންދެން މައްސަލަ ނުނިންމާ ހިފެހެއްޓުމަށްފަހު، އޭސީސީން ކުއްލިއަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ ކޯޓުން އަމުރު ނެރުމާ ގުޅިގެންނެވެ. އެއީ ކުންފުނީގެ އަގުވައްޓާލުމަށާއި، ކޮމިޝަނުން ކުރާ ނުހައްގު ޑިމާންޑްތަކަށް ބޯނުލެނބުމުން ކުރި ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ދައުލަތުން އެކި ފަރާތްތަކާއެކު ވެފައިވާ މަދަނީ އެއްބަސްވުންތައް އުވާލަން އެންގުމަކީ އޭސީސީއަށް ލިބިގެންވާ ގާނޫނީ އިހުތިޔާރެއް ނޫން ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. އަދި އެއްބަސްވުން އުވާލަން އަންގާފައިވާ ކަމަށް ބުނެ ހަބަރު ފަތުރަނީ ހިނގަމުންދާ ކޯޓު މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ވެސް ޕޮޕިއުލާ މޯލްޑިވްސްއިން ވަނީ ބުނެފައެވެ.