މަސްވެރިކަމާ ގުޅޭ މުހިންމު ނިންމުންތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށްޓަކައި، އެ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިކަމަށް ގޮވާލެއްވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމަކީ މި މަހުގެ 11 އިން 15 އަށް ރާއްޖޭގައި ކުރިއަށްދާ މުހިންމު ބައްދަލުވުމެކެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި ސަރަހައްދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ބާރުއެޅުއްވިއެވެ. ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާ ނިޒާމުތަކަކީ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކާއި މައްސަލަތަކަށް ރިއާޔަތްކުރާ ނިޒާމުތަކަކަށް ވާންޖެހޭނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ރާއްޖެއިން އަދާކުރާ ދައުރު ފާހަގަކުރައްވައި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ޖަމިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރު އިރުތިޝާމް ވަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.