ރާއްޖޭގެ މޫސުން ގޯސްވެ، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ. މިއީ އެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ނެރުނު އިންޒާރެކެވެ.

މެޓް އޮފީހުން ބުނީ، މިރޭ 10:30 އާ ހަމައަށް މި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އާންމުކޮށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާ މި ދުވަސްވަރު، މެޓް އޮފީހުން ދަނީ ކުރިއަށް އޮތް ވަގުތުތަކަށް ލަފާކޮށް މޫސުމީ އިންޒާރުތައް ސިލްސިލާކޮށް ނެރެމުންނެވެ.