ރައީސް މުޙައްމަދު މުޢިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓަރީއަކާ ގުޅިގެން އެ ނޫހުގެ އިސް އެޑިޓަރުންނަށް ދައުވާކުރި މައްސަލަ، ބައިނަލްއަޤްވާމީ ޖަމްއިއްޔާ، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން މިއަދު ކުށްވެރިކޮށްފިއެވެ.
ސީޕީޖޭ އިން ވަނީ 'އަދަދު' ނޫހުގެ ޗީފް އެޑިޓަރު ޙުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ގޮވާލާފައެވެ. މި މައްސަލާގައި ކޯޓުން ނެރުނު 'ގެގް އޯޑަރާ' މެދު ވެސް އެ ޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، 'އަދަދު' ނޫހުގެ ނޫސްވެރިޔާ ޝަހުޒާން އެ ތަނުން ނެރުނު މައްސަލަ ވެސް ސީޕީޖޭ އިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޖަމްއިއްޔާއިން ބުނީ ނޫސްވެރިންނަށް އެއްވެސް ބިރުދެއްކުމެއް ނެތި، ބޭނުންވާ ސުވާލެއް ކުރުމުގެ ފުރުސަތު ދައުލަތުގެ އިދާރާތަކުން ލިބިދޭން ޖެހޭނެ ކަމަށެވެ.
މި މައްސަލާގައި ނޫސްވެރިންގެ ޕާސްޕޯޓް ހިފަހައްޓައި، ނޫސް ހިންގާ އޮފީސް ފުލުހުން ރެއިޑްކޮށްފައިވާކަން ފާހަގަކޮށް، ސީޕީޖޭ އިން ބުނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ހިންގާ އަމަލުތަކެއް ކަމަށެވެ. ސަރުކާރުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކޮށްފައިވަނީ ޕީޖީ އޮފީހުން އިސްވެ އެދިގެން ކަމަށެވެ.
